މިއަހަރުގެ ޖެނުއަރީ މަހަކީ މިހާތަނަށް ތާރީހުގައި ރެކޯޑު ކުރެވިފައިވާ އެންމެ ހޫނުގަދަ ޖެނުއަރީ މަސް ކަމަށް ރެކޯޑުތަކުން ދައްކައިފި އެވެ.

ދަ ކޮޕަނިކަސް ކްލައިމެޓް ޗޭންޖްއިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ޖެނުއަރީ މަހު މުޅި ދުނިޔޭގެ އެވްރެޖް ފިނިހޫނު މިން "އިންޑަސްޓްރިއަލް ރިވޮލޫޝަން" ފެށުނު އިރަށްވުރެ 1.75 ޑިގްރޭ ސެލްސިއަސް މަތީގަ އެވެ.

މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 0.1 ޑިގްރީ ސެލްސިއަސްގެ މަތިވުމެއް ކަމަށް ސައިންސްވެރިން ފާހަގަކޮށްފައިވެ އެވެ.

މޫސުމަށް އަންނާނެ ބަދަލުތައް ލަފާކޮށް ސައިންސްވެރިން ކޮށްފައިވާ ލަފާ ކުރުންތަކަށްވުރެ ވެސް މަތީގައި މިދިޔަ ޖެނުއަރީ މަހުގެ ފިނިހޫނުމިން ހުރިއިރު މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

މިދިޔަ ޖެނުއަރީއަކީ ރެކޯޑު މިންވަރަކަށް ހޫނު މަހެއް ކަމަށް މާހިރުން ބުނެފައި މިވަނީ މިދިޔަ މަހު އެމެރިކާގެ ލޮސް އެންޖެލަސްގައި ނުރައްކާތެރި ޖަންގަލި އަލިފާނުގެ ހާދިސާތަކެއް ވެސް ހިނގާފައިވާ ދަނޑިވަޅެއްގަ އެވެ.

މި ބާރުމިނުގައި ދުނިޔެ ހޫނުވުން ކުރިއަށްދާނަމަ ކުރިއަށް އޮތް އަހަރުތަކުގައި ދުނިޔޭގެ ދިރުންތަކަށް އޭގެ އަސަރު ކުރާނެ ކަމަށް މާހިރުން ބުނެ އެވެ.