މިއަދު ހެނދުނު މ. ހައުސްޕްލާޒާ ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދެ ގެއަކުން ފެން ކެނޑި 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

ގިނަދުވަސް ތަކެއްވަންދެން ފަޅުގެއެއްގެ ގޮތުގައި ހުރި ހައުސްޕްލާޒާ ގޭގައި ހެނދުނު 6:30 ގައި ރޯވި އަލިފާން އެމްއެންޑީއެފުން ވަނީ އަލީފާންގަނޑު ނިއްވާލާފަ އެވެ.

އަލިފާން އެއްކޮށް ނިއްވާލެވުނީ 07:47 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެ ހާދިސާއާ ގުޅިގެން ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެންލުންވި ކަމަށް ބުނެފަ އެވެ.

ފެން މައްސަލަ ހައްލުކުރެވެންދެން ދެ ގެއަކުން ޖުމުލަ 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފަ އެވެ. އެގޮތުން، ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދިން މީހުންގެ ތެރޭގައި 20 ބިދޭސީއަކު ހިމެނޭކަން އެ އޮތޯރިޓީން ވަނީ ހާމަކޮށްފަ އެވެ.