މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފިހާރަތައް މެންދަމު އެކެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިކަން ހާމަކުރީ ކުރިއަށް އޮތް ރަމަޟާން މަހު ވިޔަފާރި ތަންތަނާއި ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ބަޔާންކޮށް ކުރި ދެ އިއުލާނެއްގަ އެވެ.

އެގޮތުން 15 ފެބްރުއަރީ 2025 އިން ފެށިގެން އަދި ރަމަޟާން މަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 05:30 އިން މެންދަމު 01:00 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ރޯދަމަހުގެ ރޭތަކުގައި ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އާ ހަމައަށެވެ. އަދި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު މި ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ހަމައަށެވެ.

މިނިސްޓްރީން ބުނީ، މި ގަވާއިދުތަކަށް ޢަމަލުކުރަން ޖެހޭނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގާ ވިޔަފާރިތަކުންނެވެ. މީގެ ތެރޭގައި 24 ގަޑިއިރު ޚިދުމަތް ދިނުމުގެ ހުއްދަ ދޫކުރެވިފައިވާ ތަންތަން ވެސް ހިމެނެ އެވެ.