މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީފީއައި)ގައި ރާއްޖެ އެއް ޕޮއިންޓު ގެއްލި، ތިން ދަރަޖަ ފަހަތަށް ގޮސްފި އެވެ.

ޓްރާންސްޕޭރެންސީން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮޮތުން ކޮރަޕްޝަން އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެއަށް ލިބުނީ 38 ޕޮއިންޓެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ އެއް ޕޮއިންޓް ދަށް މިންވަރެކެވެ. ސީޕީއައިގައި ރާއްޖެއަށް އެންމެ މަތިން ޕޮއިންޓް ލިބުނީ 2020 ވަނަ އަހަރު އެވެ. އެ އަހަރު 43 ޕޮއިންޓް ލިބުނެވެ. އޭގެ ފަހުން 2021 އާއި 2022 ގައި ލިބުނީ 40 ޕޮއިންޓެވެ. އަދި، 2023 ގައި ލިބުނީ 39 ޕޮއިންޓެވެ.

މިދިޔަ އަހަރުގެ ސީޕީއައިގައި ރާއްޖޭގެ ސްކޯ 38 އަކަށް އެރުމުން ރާއްޖެ މިހާރު ރޭންކު ކުރެވިފައިވަނީ އިންޑެކްސްގައި ހިމެނޭ 180 ގައުމުގެ ތެރެއިން 96ވަނައަށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު އާންމުކުރާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް އަކީ ގައުމުތަކުގެ ދައުލަތް ހިންގުމުގައި ކޮރަޕްޝަން އެކުލެވިފައިވާ ކަމަށް ގަބޫލުކުރޭ މިންވަރު ދައްކުވައިދޭ އިންޑެކްސް އެކެވެ. ކޮރަޕްޝަން އަށަގެންފައިވާ ކަމަށް ގަބޫލުކުރެވޭ މިންވަރު އެކަކުން 100 އަށް ގިންތިކުރާ އެ އިންޑެކްސްގައި 100 ލިބޭނީ ހާލަތު އެންމެ ރަނގަޅު ގައުމަށެވެ. އަދި ސުމެއް ލިބޭނީ އެންމެ ހާލަތު ގޯސް ގައުމަށެވެ.

ރާއްޖޭގެ ސްކޯއާއި ރޭންކުން ހާމަވަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި މާ ބޮޑު ކުރިއެރުމެއް ނުވަތަ އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަން ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި އަހަރު ސީޕީއައިއިން އަލިއަޅުވާލާފައިވަނީ ކޮރަޕްޝަންގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފިޔަވަޅުތަކުން ލިބޭ ގެއްލުންތަކުގެ މައްޗަށެވެ.