އެތައް ބިލިއަން ރުފިޔާއަކުން ދަރަނިވެރިވެފައި އޮތް ފެނަކަ ކޯޕަރޭޝަނުން 44 މިލިއަން ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްލެސިކޯ ލިމިޓެޑުން ފެނަކައާ ދެކޮޅަށް ދައުވާކުރީ އެ ކުންފުނިން ފެނަކައަށް ފޯރުކޮށްދިން މުދަލަށް ފެނަކައިން ދައްކަންޖެހޭ 44،014،801ރ. ނުދައްކާތީ އެވެ.
އެ ފައިސާ ދައްކަންޖެހޭ ފައިސާއެއް ކަމަށް ފެނަކައިން އެއްބަސްވުމުން ކޯޓުން އިއްޔެ ހުކުމްކުރީ އެ ފައިސާ 14 މަސް ދުވަހަށް ބަހާލައިގެން ދެއްކުމަށެވެ. އެއީ ކޮންމެ މަހަކު ތިން މިލިއަން ރުފިޔާ ދައްކަންޖެހޭ ގޮތަށެވެ.
މި ހުކުމާއެކު, އެތައް ބިލިއަން ރުފިޔާގެ ދަރަނި އޮތް ފެނަކައިގެ މައްޗަށް ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ކުރި ހުކުމްތަކުގައި ހިމެނޭ ފައިސާގެ އަދަދު 100 މިލިއަނަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ. މިދިޔަ އެއް އަހަރު ތެރޭގައި އެކި މައްސަލަތަކުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ފެނަކައަށް އަންގާފައިވެ އެވެ.
މިހާ ބޮޑު އަދަދަކުން ދަރަނިވެރި ވެފައި ވިޔަސް, އެންމެ ގިނަ މުވައްޒަފުން ގެންގުޅޭ ކުންފުންޏަކީ އަދިވެސް ފެނަކަ ކުންފުންޏެވެ. އަދި އިންތިހާބުތަކާ ދިމާކޮށް ފެނަކައިން ވަޒީފާތައް އަދިވެސް ދެމުންދާ ކަމަށް ދަނީ ތުހުމަތު ކުރެވެމުންނެވެ.