ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުގެ ހަރަދު ކުޑަކުރަން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.

ޕީސީބީއިން މިއަދު ފޮނުވި ސާކިއުލާއެއްގައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ދަތި ހާލަތުން އަރައިގަނެ، ދައުލަތުގެ ހަރަދުތައް ހަމަ މަގަށް އެޅުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރަށާއި އަތޮޅު ތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތަށް ހުއްޓާލުމަށް ވަނީ އަންގާފަ އެވެ.

މީގެއިތުރުން ބޭރު ގައުމުތަކަށް ކުރާ ދަތުރުތައް މަދުކޮށް، ބައިނަލްއަގްވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރުމަށް ޕީސީބީން ވަނީ އަންގާފަ އެވެ.

ޕީސީބީގެ އެންގުމުގައި ވަނީ ބޭރު ގައުމުތަކަށް ކޮންމެހެން ދަތުރެއް ކުރަންޖެހިއްޖެ ހާލަތެއްގައި ވެސް ބިޒްނަސް ކްލާސް ނުވަތަ ފަސްޓް ކްލާހުގައި ދަތުރު ނުކުރުމަށެވެ. އަދި ދަތުރުގެ ހަރަދުތައް ބޭރުގެ ފަރާތްތަކުން ދިން ނަމަވެސް ކުންފުނިން އެކަމަށް ކުރަންޖެހޭ ހަރަދުތައް ކުޑަކުރުމަށް އަންގާފައިވެ އެވެ.

ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުމާއި އަތޮޅު ތެރެއަށް ކުރާ ދަތުރުތަކުގައި ކެއުމުގެ ހަރަދުތައް ކުޑަކުރުމަށް ވެސް އެ ސާކިއުލާގައި އަންގާފައިވެ އެވެ.

ކުންފުނިތަކަށް ސީދާ ގޮތުން ފައިދާނުވާ މަހާސިންތާތަކާއި ފެއާތަކުގައި ބައިވެރިނުވާން ވެސް އެ ބޯޑުން ވަނީ އަންގާފަ އެވެ.

މުވައްޒަފުންގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކޮންމެހެން ނަގަންޖެހޭ މުވައްޒަފަކު ފިޔަވައި އިތުރު މުވައްޒަފަކު ނުނެގުމަށް ވެސް ވަނީ އަންގާފަ އެވެ.

މީގެއިތުރުން ކަރަންޓްގެ ހަރަދު ކުޑަކުރުމަށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނަމަ އެކަމަށް އިސްކަންދިނުމަށް ވަނީ އަންގާފަ އެވެ.