ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކުރީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ކަމަށް ތުހުމަތުކޮށް މީޑިއާގައި ދެކެވެމުންދާ ވާހަކަތައް އެ ކޮމިޝަނުން ދޮގުކޮށްފި އެވެ.
އޭސީސީއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިމަހުގެ 23 ވަނަ ދުވަހު ޑރ. މުއިއްޒު އެ ކޮމިޝަނަށް ހާޒިރުކޮށްފައިވާއިރު، އެބޭފުޅާ ހާޒިރުކުރެވުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒް ފޯރުވަން ކުރާކަމެއް ކަމަށާއި އަދި ވަކި ފަރާތަކުން އަންގައިގެން ކުރެވިފައިވާ ކަމެއް ކަމަށް ތުހުމަތުކޮށް މީޑިއާއިން ދަނީ ރިޕޯޓްކުރަމުންނެވެ.
މިކަމާ ގުޅިގެން އޭސީސީއިން ބުނީ އެކޮމިޝަނުން ބަލާ މައްސަލަތަކަކީ ދުރާލާ ޕްލޭންކުރެވިގެން، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެރެއިން ކުރިއަށްގެންދާ ތަހުގީގުތަކެއް ކަމަށެވެ. އެއާއެކު، އެ ކޮމިޝަނުން މައްސަލަ ބަލާނެގޮތުގެ ޓާގެޓް ކަނޑައަޅަނީ ސިޔާސީ ވިސްނުމަކަށް ނުވަތަ އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓަކަށް އަމާޒުކޮށްގެން ނޫން ކަމަށާއި އަދި އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތައް ކުރިއަށްގެންދާނެ ގޮތާއި ތަރުތީބު ކަނޑައަޅާނީ އެ ކޮމިޝަނުން ކަމަށް ބުންޏެވެ.
މީގެ އިތުރުން އެ ކޮމިޝަނުން ބުނީ، އެކޮމިޝަނުން ބަލާ މައްސަލަތަލާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދޭއިރު ތަހުގީގަށް ހާޒިރުކުރާ ފަރާތަކާއި އެފަރާތްތައް ހާޒިރުކުރާ ދުވަސްތަކުގެ މައުލޫމާތު އެކޮމިޝަނުން ހިއްސާނުކުރާ ކަމަށެވެ. އެ ކޮމިޝަނުން ބަލަމުންދާ މައްސަލައާ ގުޅިގެން އިންތިހާބު އިއުލާންކުރި ފަހުން ވެސް ޑރ. މުއިއްޒު އެ ކޮމިޝަނަށް ހާޒިރުކޮށްފައިވާ ކަމަށާއި އަދި އެ މައުލޫމާތު މީޑިއާއާ ހިއްސާކުރެވިފައި ނުވާކަމަށް އޭސީސީން ބުންޏެވެ.
އެހެންކަމުން، އެކޮމިޝަނުގެ ތަހުގީގަކަށް އެބޭފުޅާ ހާޒިރުކުރުމަކީ ސިޔާސީ ވިސްނުމެއްގައި ކުރެވިފައިވާ ކަމެއް ކަމަށް ދޭހަވާހެން ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
މީޑިއާއިން ކުރާ ތުހުމަތުތައް ދޮގުކޮށް އީސީސީއިން ބުނީ، ދެކެވެމުންދާ ހަގީގަތާ ހިލާފު ވާހަކަތަކަކީ އާމުންގެ މެދުގައި އެ ކޮމިޝަނާމެދު ނުބައި ތަސައްވުރެއް އުފެއްދުމަށް ދެކެވޭ ވާހަކަތަކެއް ކަމަށެވެ. އަދި ކޮމިޝަނުގެ މަސައްކަތްތަކާ ގުޅުވައިގެން މީސްމީޑިއާގައި އެކޮމިޝަނުގެ މެމްބަރުންނަށް ފުރައްސާރަކުރާކަން ފަހަގަކުރެވިފައިވާކަމަށް އޭސީސީއިން ބުންޏެވެ. އެހެންނަމަވެސް، އެފަދަ ފުރައްސާރައަށް ބެލުމެއްނެތި އެ ކޮމިޝަނުގެ ގާނޫނީ ވާޖިބު އަދާކުރަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.