ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓްއާޒު މޯލްޑިވްސްގެ އެކައުންޓް ފްރީޒް ކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

ޔޮޓް ޓުއާސްއާ ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ ކުލީގެ އެއްބަސްވުންތަކުގެ ދަށުން އެ ކުންފުނިން ދައްކަންޖެހޭ ރިޒޯޓުތަކުގެ ކުއްޔާއި ޖޫރިމަނާ ނުދައްކާތީ މީރާއިން އަންގައިގެންވަނީ އެ ކުންފުނީގެ އެކައުންޓުތައް 2017ވަނަ އަހަރު ފްރީޒްކޮށްފަ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެކައުންޓްތައް ފްރީޒްކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓާއި ހައި ކޯޓުން ނިންމި ނިންމުން ބާތިލުކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ އެ ދެ ކޯޓުން ވެސް މައްސަލަ ނިންމީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

މައްސަލާގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައި ވަނީ ގާނޫނު އިމްޕްލައި ކުރުމުގައި މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނާ މީރާއިން ޚިލާފުވެފައިވާ ކަމަށާއި، ކޮންޓްރެކްޓުގައި ނެތް ހައްލުތަކެއް ނަގައިދީފައިވާ ކަމަށެވެ. އަދި މީރާގެ ނިންމުން ނިންމާފައި ވަނީ ގާނޫނީ އަސާސެއް އޮވެގެން ކަމަށް ހައިކޯޓުން ކަނޑައަޅާފައި ވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނާ ޚިލާފަށް ކަމަށް ވެސް ބުނެފައިވެ އެވެ.

މި މައްސަލައިގައި މީރާއިން ޔޮޓް ޓުއާސްއަށް އެޅި ފިޔަވަޅަކީ އެ ކުންފުނިން ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހާލަތަކަށް ނުވާތީ، ސުޕްރީމް ކޯޓުން ހުކުމްކުރީ، ހައިކޯޓުން މީރާއާ އެއްކޮޅަށް ނިންމި ނިންމުން ބާތިލް ކަމަށެވެ.

މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު އިބްރާހިމް އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އަޒްމިރާލްދާ އެވެ.