މިހާރު ހިނގަމުންދާ މާރާމާރީ ތަކުގެ ތުހުމަތު ކުުރެވޭ މީހަކު ފިލައިގެން މެލޭޝިޔާއަށް ދިއުމުން ރާއްޖެ ގެނެސް ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މަރާމާރީ ތަކުގައި ހިމެނޭ އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު މިއަދު އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އޭނާގެ ވަނަވަރު ފުލުހުން ހާމަކޮށްފައިނުވެ އެވެ.

"އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނަގާފައިވަނިކޮށް މެލޭޝިޔާ އަށް ފުރައިގެން ދިއުމުން. މެލޭޝިޔާ އަށް އޭނާ ވަނުން ހުއްޓުވައި އެހެން ފްލައިޓެއްގައި ރާއްޖެ ގެނައުމަށް ފަހު" ފުލުހުން މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މިދުވަސްވަރު ސިލްސިލާ ގޭންގް މާރާމާރީތަކެއް ދަނީ ހިންގަމުންނެވެ.