މިދިޔަ މަހުގެ ކުރީކޮޅު މެދުކަނޑާލި ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މާދަމާ ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަށް ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މާދަމާ ފަށާނެ ކަމަށެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފާއި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އެޗްޕީއޭ އިން ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި އީގަލްސް އާއި ބޫޓާންގެ ތިމްޕޫ ބައްދަލުކުރާ މެޗު ކުޅުމުގެ ހުއްދަ ދީފަ އެވެ. އެކަމަކު ލީގު ކުރިއަށް ނުގެންގޮސް، އޭއެފްސީ ކަޕް ކުޅުމަކީ ހަމަޖެހޭ އުސޫލަކަށް ނުވާތީ، އެކަން އަލުން މުރާޖާގަކޮށް، ލީގު ފެށުމަށް ވަނީ ހުއްދަ ދީފަ އެވެ.