އޭސީސީއިން ކުރިއަށް ގެންދާ މި ތަހުގީގަކީ 2013 ވަނަ އަހަރު ޕޮލްކޯއާ ހަވާލުކުރެވުނު "ބުލޫސް ހައުސިން މަޝްރޫއޫ" އާ ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގެއެއް. ރައީސް މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވާ އެތައް ގުނައެއް އަގުބޮޑުކޮށް މި މަޝްރޫއު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އާ ހަވާލުކޮށްގެން ކުރިއަށް ގެން ގޮސްފައިވާ މައްސަލަ ސަމާލުކަމަށް އައުމާއެކު ތަހުގީގު ފަށާފައިވާ ކަމަށާއި، ހާއްސަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް އޭސީސީއިން ކުރިން ހާމަކޮށްފައިވޭ.

ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އަށް އަނެއްކާ ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަދެއްޖެ އެވެ.

ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހެއްކާ ގަރީނާ ހޯދުމަށް ޕޮލްކޯއަށް ބުދަ ދުވަހު އެކޮމިޝަނުން ވަދެފައިވާކަން އޭސީސީއިން ކަށަވަރު ކޮށްދީފައިވީ ނަމަވެސް އިތުރު ތަފްސީލެއް އެ ކޮމިޝަންއިން ހާމަކޮށްފައެއް ނުވެ އެވެ.

ޕޮލްކޯއަށް އޭސީސީން ވަދެފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މިއީ މިމަހުގެ ތިން ވަނަ ދުވަހަށްފަހު އޭސީސީ އިން ޕޮލްކޯއަށް ވަދެފައިވާ ދެވަނަ ފަހަރެވެ.

އޭސީސީއިން ކުރިއަށް ގެންދާ މި ތަހުގީގަކީ 2013 ވަނަ އަހަރު ޕޮލްކޯއާ ހަވާލުކުރެވުނު "ބުލޫސް ހައުސިން މަޝްރޫއޫ" އާ ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގެކެވެ.

އެގޮތުން ރައީސް މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވާ އެތައް ގުނައެއް އަގުބޮޑުކޮށް މި މަޝްރޫއު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އާ ހަވާލުކޮށްގެން ކުރިއަށް ގެން ގޮސްފައިވާ މައްސަލަ ސަމާލުކަމަށް އައުމާއެކު ތަހުގީގު ފަށާފައިވާ ކަމަށާއި، ހާއްސަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް އޭސީސީއިން ކުރިން ހާމަކޮށްފައިވެ އެވެ.

މި މައްސަލަ މިހާރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކުން ވެސް ދަނީ ދިރާސާ ކުރަމުންނެވެ.

އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ މަޖިލީހަށް ހާޒިރު ކުރެވުނު ދުވަހު ވިދާޅުވެފައި ވަނީ ޕޮލްކޯގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން މަޝްރޫއާ ގުޅުންހުރި ގިނަ ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް ޕޮލްކޯގެ މެނޭޖްމަންޓުން ބުނެފައިވާ ކަމަށެވެ.

މި މަޝްރޫއަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެވި، ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަން އޮޑިޓް ރިޕޯޓުން ދައްކަ އެވެ. މި ސަބަބަށްޓަކައި، އޭރު ޕޮލްކޯގެ ބޯޑު އޮފް ޑިރެކްޓަރުންނާއި އިސްވެރިންގެ މައްޗަށް ފިޔަވަޅު އެޅުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ހުށަހަޅާފަ އެވެ.