ރައީސް މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

"ހުރިހާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަބްދުއްރަހީމް ރައީސް މުއިއްޒުއާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ނަމަވެސް ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އެކަމަކު ރައީސް އޮފީހުގެ މައި ދޮރުކޮޅުން އަބްދުއްރަހީމްގެ ކާރުކޮޅު ވަންނަ މަންޒަރު ފެންނަ ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި ވެސް ދައުރުވާން ފަށައިފަ އެވެ.

އަބްދުއްރަހީމް ރައީސް މުއިއްޒުއާ ބައްދަލުކުރެއްވިއިރު، ރައީސް މުއިއްޒުއާއި އެމަނިކުފާނާ ދެމެދު އޮތް ގާތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

މަޖިލިސް ރައީސްގެ ކާރުކޮޅު ރައީސް އޮފީހު ދޮރުން ވަންނަނީ

އަބްދުއްރަހީމުގެ ދަރިފުޅު އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން މިދޔަ މަހު ވަކިކުރެއްވުމުން އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ. އެކަމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވެފައިވަނީ ރައީސް މުއިއްޒުއާ ކުރިން އޮތް ކަހަލަ ގާތް ގުޅުމެއް އޮތް ނަމަ އެކަމާ ގުޅިގެން ކުޑަނަމަވެސް މަޝްވަރާއެއްވެސް ކުރެވީސް ކަމަށެވެ. ނަމަވެސް ފައިސަލް ވަކިކުރެއްވުމުގެ އެއްވެސް މަޝްވަރާއެއް ނެތި ކުއްލިއަކަށް ފައިސަލް ވަކިކުރުމުން ދޭހަވީ ރައީސް އާއި އޭނާ އާ ދެމެދު އޮތް ގާތް ގުޅުން މިހާރު ނެތްކަން ކަމަށް ވެސް އަބްދުއްރަހީމް އެ ދުވަހު ވިދާޅުވެފައިވެ އެވެ.

ރައީސް މުއިއްޒު ވަނީ އަބްދުއްރަހީމް ޕާޓީއިން ވެސް އެކަހެރިކޮށް ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް ވެސް އަތުލައިފަ އެވެ. އެގޮތުން ޕީއެންސީގެ އޮފީހުގައި ހުންނަ ޗެއާޕާސަންގެ ކެބިންގެ ތަޅު ވެސް ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް ބަދަލުކޮށް، އަބްދުއްރަހީމްގެ އެކްސެސް އެތަނުން ކަނޑާލާފައިވާ ކަމަށް ވެސް އަޑު ފެތުރިފައިވެ އެވެ.