އެމެރިކާގައި ޗައިނާގެ ސޯޝަލް މީޑިއާ އެޕެއް ކަމަށްވާ ޓިކްޓޮކް ބޭންކުރުން ހުއްޓުވުމުގެ ގޮތުން އޮރެކަލް އާއި ވޯލްމާޓާއެކު ހަދާފައިވާ ޑީލަށް "ރުހުން"ދީފި ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ނޯތް ކެރޮލީނާގައި އޮތް ކެމްޕެއިން ހަރަކާތަކަަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިގޮތުގައި އެ ޑީލްގެ "ކޮންސެޕްޓް"އަށް ރުހުން ދީފައިވާނެ އެވެ.

"މި ޑީލް ކާމިޔާބު ވެއްޖެއްޔާ ވަރަށް ރަނގަޅު، ނުވިޔަސް މައްސަލައެއް ނެތް،" ޓްރަމްޕް ވިދާޅުވި އެވެ.

ބެެއިޖިންގްގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސްގެ އެޕެއް ކަމަށްވާ ޓިކްޓޮކް ވަނީ މި ހަފްތާގެ ތެރޭގައި އޮރެކަލް އާއި އެކީ ޑީލްއެއް ހަދާފަ އެވެ. މި ޑީލްގެ ދަށުން އެ ކުންފުނީގެ މައި އޮފީސް އެމެރިކާއަށް ބަދަލުކޮށް، އޮރެކަލް އަށް ޓިކްޓޮކްގެ އޮޕަރޭޝަންތައް އޯވަސީ ކުރެވޭނެ އެެވެ. ޓިކްޓޮކްގެ މިލްކުވެރިކަމުގެ ބޮޑުބައެއް އަދިވެސް އޮންނާނީ ބައިޓްޑާންސް އަށެވެ. އަދި އެއަށް ކިޔަން ނިންމާފައިވަނީ ޓިކްޓޮކް ގްލޯބަލް އެވެ.

މި ޑީލްގެ އަނެއް ހިއްސާދާރު ކަމަށްވާ ވޯލްމާޓްއިން ބުނި ގޮތުގައި ޓްރަމްޕްގެ ރުއްސެވުން ލިބުމުން ހިތްހަމަ ޖެހިއްޖެ ކަމަށާއި، ޓިކްޓޮކްއަށް އެމެރިކާއިން 25،000 މީހުންނަށް ވަޒީފާ ދޭނެ ކަމުގަ އެވެ.