ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑީގައި އިންނަވަނީ މިނިވަންކަމާ އެކު ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ އިސްލާހީ ފިޔަވަޅުތަކާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީއިން ހުށަހެޅި ރިޕޯޓަށް ބަހުސްކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ދެއްކެވި ވާހަކައަކާ ގުޅިގެން ނެވެ.

މީކާއިލް ވަނީ އަބްދުއްރަހީމުގެ ހާލުކޮޅާ މެދު ހަމްދަރުދީ ވާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން މީކާއިލް ވަނި މިއަދު އަބްދުއްރަހީމަކީ ބަޑި ބައިންދާފައިއިން ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. މީކާއިލްގެ ވާހަކަ މެދުކަނޑާ ލައްވާ އެ ވާހަކައަށް ރައްދު ދެއްވަމުން އަބްދުއްރަހީމު ވިދާޅުވީ އެމަނިކުފާނުގެ ސިއްހީ ހާލެއްވެސް އަދި ދިރިއުޅުމުގެ ހާލަތެއްވެސް މިކާއިލްއަށް ނޭނގޭ އިރު އެކަންކަމަށް ބަސްވިދާޅުނުވެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ކުރީ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ކަމަށާ އެ ގޮނޑީގައި އިންނަވަނީ ނުހަނު މިނިވަން ކަމާ އެކު ކަމަށެވެ.

އިއްޒަތްތެރި މެންބަރަކަށް އެނގިވަޑައެއްނުގަންނަވާނެ އަޅުގަނޑުގެ ސިއްހީ ހާލަތެއް ވެސް އަދި ދިރިއުޅުމުގެ ހާލަތެއް ވެސް އަދި އެހެން ހާލަތެއް ވެސް. އެހެންވީމަ އެއަށް އެއްޗެއް ވިދާޅުވުމުގެ ފުރުސަތެއް ނުއެއް އޮންނާނެ. އަޅުގަނޑު މި އިނީ މިނިވަންކަމާއެކީގަ މި ގޮނޑީގަ. މި ގޮނޑިއަށް އަޅުގަނޑު އިންތިޚާބުކޮށްދެއްވީ މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުން. އަޅުގަނޑަށް ހުރަހެއް މިތަނުގައި އެއްވެސް ކަމަކަށް ނެތް

މީގެ އިތުރުން އަބްދުއްރަހީމު ވަނީ ރައްޔިތުންނަށް އޮޅުވާލާ ވާހަކަ ދައްކަވަން ގަލޮޅު ދެކުނު ދާއިރާގެ މައިކު މީކާއިލް ބޭނުން ނުކުރުމަށްވެސް އެދިފަ އެވެ.

އަބްދުއްރަހީމުގެ އެ ވާހަކައަށް ރައްދު ދެއްވާ މީކާއިލް ވިދާޅުވީ، ގަލޮޅު ދެކުނު ދާއިރާގެ މައިކުގައި އަޑު ހުރިހާ ހިނދަކު އަޑު އިއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން ސަރުކާރުން އުޅޭ ކަމަށް ވިދާޅުވެ މީކާއިލް ވަނީ މަޖިލިސް ރައީސްގެ ހާލުކޮޅު ވެސް މިއަދު ރައްޔިތުންނަށް އެނގޭނެ ކަމަށް ވިދާޅުވެފަ އެވެ.

މީކާއިލްގެ މިފަދައިން ވާހަކަ ދައްކަވާފައިވާއިރު އަބްދުއްރަހީމުއާ ރައީސް މުހައްމަދު މުއިއްޒުއާ ދެމެދު ގުޅުން ގޯސްވެފައިވާ ކަމުގެ އަޑުތައް ގަދަވެފައި ވެއެވެ.