ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން ހުށަހަޅާފައިވާ ބިލަށް ތާއީދުކޮށް ވޯޓުދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާތީ އެގޮތަށް އަމަލުކުރަން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ހުރިހާ މެންބަރުންނަށް އެކަން އަންގަވައިފި އެވެ.
ފަލާހު މެދުވެރިކޮށް ރައީސް މުއިއްޒު އެ އެންގުން އެންގެވީ ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕަށް ފަލާހު ލައްވައި ކުރުވި މެސެޖެއްގަ އެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ފަލާހުގެ މެސެޖުގައި ވަނީ ހޮޅުދޫ ދާއިރާގެ މެންބަރު ކޯޓްތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ތާއީދުކޮށް ވޯޓުދިނުމަށް ޕީއެންސީގެ ލީޑާޝިޕުން މިރޭ ނިންމާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވުން ނިމުމަކަށް ގެންނަވާނެ ކަމަށް ވައުދުވެވަޑައިގަތުމަށްފަހު އެވެ. ނަމަވެސް ފެންނަމުންދާ މަންޒަރަކީ އެމަނިކުފާނު އަޑީގައި ހުންނަވައިގެން ރާއްޖޭގެ އެންމެ މަތީ ކޯޓަށް އަތްބާނާ މަންޒަރެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ސަރުކާރުގެ ތާއީދާއެކު މަޖިލީހަށް ބިލެއް ހުށަހެޅީ ސިޔާސީ ޕާޓީއަކުންް މެންބަރަކު ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ މައްސަލަ ބެލޭނެ ކަމަށް އެ ކޯޓުން ނިންމުމުންނެވެ.