ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފް އިސްލާހެއް ކަމަށް ބުނެ އެކަމާ ދެކޮޅަށް ބާ ކައުންސިލުން ވެސް ތެދުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ދަށްކުރަން ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނިކޮށް ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތަށް ގާނޫނަށް ގެންނަ ބަދަލަކުން ފަނޑިޔާރުން ވަކިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ފަނޑިޔާރުންގެ މަސައްކަތާ އެއްވެސް ފަރާތަކުން ނުބެހެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވަނިކޮށް ގާނޫނުއަސާސީގައި ފަނޑިޔާރުން ވަކިކުރަން އޮންނަ އުސޫލާ ހިލާފަށް އެ އިސްލާހުގެ ދަށުން ފަނޑިޔާރުން ވަކިކުރަން ޖެހޭ ގޮތަށް އޮތުމަކީ ގާނޫނުއަސާސީއާ ހިލާފް ކަމެއް ކަމަށް ބާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

"ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވޭ ޣައިރު ދުސްތޫރީ އިސްލާހެއް ކަމުގައި މި ކައުންސިލުން ދެކެމެވެ." ބާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެ އިސްލާހު ފާސްނުކުރަން އެދި ބަންޑާރަ ނައިބަށް އެ ކައުންސިލުން ސިޓީއަކުން ވަނީ ދަންނަވައިފަ އެވެ. އަދި އެ އިސްލާހުގެ ދަށުން ފަނޑިޔާރުން ވަކިކުރުމުގައި ވަކީލުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރު އަލީ އަބްދުއްލަތީފް ބައިވެރިނުވުމަކީ ވަކީލުންގެ އެދުމެއް ކަމަށްވާތީ އެކަމުގައި ބައިވެރިނުވާން އޭނާއަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ފަނޑިޔާރުން ވަކިކުރަން ގާނޫނަށް ގެނައި އިސްލާހުގެ މަޖިލީހުން ފާސްކުރިއިރު, ޕާޓީން ވަކި ކުރުމުން މަޖިލިސް މެމްބަރުންގެ ގޮނޑިއާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައި ވަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.