ތ. މަޑިފުށީގައި އުމުރުން ދުވަސްވީ މީހަކަށް ރޭޕްގެ ތުހުމަތު ކުރެވިފައި ވަނިކޮށް އޭނާ އަމިއްލައަށް މަރުވި މައްސަލަ ހޫނުވެ، އެކަމުގައި ހިމެނޭ އަންހެން މީހާއާ ދެކޮޅަށް މުޒާހަރާ ކޮށްފި އެވެ.

ފުލުހުން ރޭ ބުނީ މަޑިފުށީގެ އަންހެނަކު، އުމުރުން 63 މީހެއްގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށް މިދިޔަ އާދީއްތަ ދުވަހު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެ މީހާގެ ބަޔާން ނަގަން މަޑިފުށި ޕޮލިސް ސްޓޭޝަނަށް ވެސް ހާޒިރުކުރި އެވެ.

އޭގެ ފަހުން އެމީހާ ވަނީ އަމިއްލައަށް މަރުވެފަ އެވެ. އޭނާ ދަންޖެހިފައި ހުއްޓައި ފެނިގެން މާލެވެސް ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ދަންޖެހުނު ރޭ އޭނާ ވާގަނޑެއް ހިފައިގެން އުޅޭތަން އެ ރަށުގެ ބަޔަކަށް ފެނިގެން އެ މައްސަލަ ވެސް ފުލުހުންނަށް އެންގި ކަމަށްވެ އެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ، ރޭޕްގެ ތުހުމަތުކުރި އަންހެން މީހާއަކީ ހާއްސައެހީއަށް ބޭނުންވާ މީހެއް ކަމަށް ބުނާ ކަމަށެވެ. މީގެ ކުރިންވެސް އޭނާ އެކި ފަހުރުމަތިން ރުހުމުގައި ގުޅުން ހިންގުމަށްފަހު ރޭޕްގެ ތުހުމަތު މީހުންގެ ބޮލުގައި އަޅުވާފައި ކަމަށް ވާހަކަދެއްކި މީހާ ބުންޏެވެ.

މި މައްސަލައިގައިވެސް އޭނާ ފުރަތަމަ ރޭޕްގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމަށްފަހު، ފަހުން ރޭޕް ނުކުރާ ކަމަށް ބުނިކަމަށްވެސް އެ ރަށުގެ ބައެއް މީހުން ބުނެ އެވެ.

ފިރިހެން މީހާގެ މަރާ އެކު މަޑިފުށީގައި އޭނާގެ އާއިލާ މީހުންނާއި ބައެއް ރައްޔިތުން ނުކުމެ އެކަމާ އިއްޔެ ވަނީ އިހުތިޖާޖު ކޮށްފަ އެވެ. އެމީހުން އެއްވީ ރޭޕްގެ ތުހުމަތުކުރި އަންހެން މީހާ ގޭ ކައިރިއަށެވެ. އެ މީހާ ހައްޔަރުކުރަން ވެސް ގޮވާލާފައިވެ އެވެ.