ރޯދައާ ދިމާކޮށް ކިޔެވުން ނިންމައި، ސްކޫލްތައް ބަންދުކޮށްފި އެވެ.
މާލެއާއި އަތޮޅުތަކުގެ ހުރިހާ ސްކޫލަކުން ވެސް މި ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ރިޕޯޓު ފޮތް ދިނުން މިއަދު ވަނީ ބާއްވައިފަ އެވެ.
2024-2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 26 ވަަނަ ދުވަހުގަ އެެވެ. އަދި މިހާރު މި ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުން މިވަނީ ޗުއްޓީއަށް ގޮސްފަ އެވެ. ބައެއް ސްކޫލްތަކުގައި ދަރިވަރުންނަށް ރިޕޯޓް ފޯމް ދިނުމަށްޓަކައި އެކަން ކުލަގަދަކޮށް ފާހަގަކޮށްފައިވެ އެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ބޮޑު ޗުއްޓީ ދިމާވެފައި މިވަނީ ރަމަޟާން މަހާ އެވެ.
އެކަޑަމިކް ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން މިއަހަރު ދިރާސީ އާ އަހަރު ފެށޭނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުގަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާންމުކުރައްވާފައިވާ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ވަނަ ދުވަހުގަ އެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ވަނަ ދުވަހު އެވެ. ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ވަނަ ދުވަހު އެވެ.
މީގެ ކުރިން ދިރާސީ އަހަރު ފެށީ ކޮންމެ އަހަރެއްގެ ޖެނުއަރީގަ އެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލަށް ކުދިން ގޮސްގެން ކިޔެވުން މެދުކެނޑި، ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން އެފަހަރުގެ ދިރާސީ އަހަރު ފަހަތަށް ސޮއްސާލުމާއެކު، ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް 2021 ގައި ވަނީ ބަދަލުކޮށްފަ އެވެ.
އެގޮތަށް ބަދަލު ކުރުމުން ބޮޑު ޗުއްޓީ ދިމާވަނީ ޖޫން ޖުލައިއަށެވެ. އެ ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރު ކަމަށްވުމުން އޭގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ ހޭދަކުރަން ދަތިވާކަމަށް އޭރު ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިސަރުކާރުން ވަނީ ނިންމަވާފަ އެވެ. އެގޮތުން ޖެނުއަރީ މަހު ދިރާސީ އަހަރު ފަށާގޮތަށް މުޅިންހެން ބަދަލު ވާނީ 2026 ވަނަ އަހަރު އެވެ.
މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ. އެއާއެކު 2026 ވަނަ އަހަރު ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ލިބޭނެ އެވެ.