ސަރުކާރުން ދިވެހި ކޮންމެ ގޭބިސީއަކަށް ރަމަޟާން މަހާ ދިމާކޮށް ބަހާ ކަމަށްވާ މަސް ދަޅު ކޭސް ބަހާ ގަނޑިތަކަށް އަނެއްކާވެސް ބަދަލު ގެނެސްފި އެވެ.
ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް ބަހާ މަސް ދަޅު ކޭސްތައް ފުރަތަމަ ބަހަން ފެށީ ދުވާލާ ރޭގަނޑުގެ ވެސް ވަގުތުތަކަށް ބަހާލައިގެން ނެވެ. ނަމަވެސް އެ މަސައްކަތް ފެށިތާ އެއް ދުވަސް ފަހުން ސަރުކާރުން ވަނީ ދުވާލުގެ ގަޑިތަކުގައި ހޫނު ގަދަވާނެކަމަސް ބުނެ މަސް ދަޅު ކޭސް ބެހުން ހަމައެކަނި ރޭގަނޑުގެ ވަގުތަށް ބަދަލުކޮށްފަ އެވެ. އެ ބަދަލަށް މިހާރު އަނެއްކާވެސް ވަނި ބަދަލު ގެނެސްފައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އެގޮތުން މިފަހަރު ބަދަލު ގެނައި މަސް ދަޅު ކޭސް ދޫކުރާ ވަގުތަށެވެ. ކުރިން ރޭނގަޑުގެ 8:00 އިން ދަންވަރު 12:00 އަށް ދޫކުރަމުން އައި މަސް ދަޅު ކޭސް ދެން ދޫކުރާނީ ރޭގަނޑު 9:30 އިން 11:30 އަށެވެ. މި ބަދަލަށް އަމަލު ކުރަން ފަށާނީ މިރޭ )28 ފެބްރުއަރީ 2025( އިން ފެށިގެން ނެވެ. މަވެސް މާޗު މަހުގެ އެއްވަނަ ދުވަހަކީ ރޯދަމަހުގެ ފުރަތަމަ ދުވަހަށް ވުމާއެކު މާދަމާ މަސްދަޅު ކޭސް ބަހާގޮތަށް ހަމަޖެހިފައިނުވާ ކަމަށް ވެސް ވަނީ ހާމަވެފަ އެވެ.
މި ބަދަލު ގެނެސްފައިވަނީ މި ފެށޭ ރަމަޟާން މަހާ ގުޅިގެން ކަމަށް ވެއެވެ.
މަސްދަޅު ކޭސް ބަހަން ފެށުމާއެކު ގިނަ އިރުވަންދެން ސަފުގައި ތިބެން ޖެހުމުން، މަސްދަޅު ކޭސް ބެހުމުގެ ކަންކަން ދޯދިޔާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރަން ފެށުމުން، އޮންލައިންކޮށް ޓޯކަން ނަގައިގެން މަސްދަޅު ކޭސް ބަލައި އަންނަންޖެހޭ ގޮތަށްވެސް ސަރުކާރުންވަނީ ހަމަޖައްސައިފަ އެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވެ.