މެޗުގެ ދެވަނަ ހާފުގައި ހަސަން ނަޒީމް (ޗޯޓު) ޖެހި ލަނޑާއެކު، ދިވެހި ޕްރިމިއާ ލީގުގައި ރޭ ޔުނައިޓަޑް ވިކްޓަރީ އަތުން 1-0 އިން ޔުނައިޓަޑް ވިކްޓަރީ މޮޅުވެއްޖެ އެވެ.
މެޗުގެ 59 ވަނަ މިނިޓުގައި ޗޯޓު ލަނޑު ޖެހީ މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މި ލަނޑު ޖެހުމުގެ ކުރިން ދެވަނަ ހާފުގައި ގްރީން އިން ވަނީ ޔުނައިޓަޑް ވިކްޓަރީގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އެގޮތުން ޗޯޓު ފޮނުވާލި ހަމަލާއެއް ހުރަސް ދަނޑި އަށް އަމާޒުވިއިރު، ގްރީންސްގެ މިސްރު ޑިފެންޑަރު މަހްމޫދު ސައީދު ބޮލުން ފޮނުވާލި ހަމަލާ ޔުނައިޓަޑް ވިކްޓަރީގެ ގޯލްކީޕަރު ވަނީ ދިފާއުކޮޮށްފަ އެވެ.
މެޗުގެ ބާކީ އޮތް ވަގުތުގައި ޔުނައިޓަޑް ވިކްޓަރީން ބަދަލުތަކެއް ގެނައި ނަމަވެސް، ގްރީންގެ ގޯލަށް މާ ބޮޑު ނުރައްކަލެއް ނުކުރެވުނެވެ.
މި މޮޅާއެކު، ގްރީން ހަތަރު ވަނައިގައި އޮތީ 14 ޕޮއިންޓާއެކު އެވެ. މި މެޗަށް ނިކުތްއިރު، ކްލަބު އީގަލްސް އެ ޓީމާ ޕޮއިންޓްގެ ގޮތުން އެއްވަރުކުރި ނަމަވެސ،ް ގްރީން އިން މިހާރު ވަނީ ތިން ޕޮއިންޓަށް ފަރަގު ބޮޑުކޮށްފަ އެވެ.
މެޗަށް ފަހު ގްރީންގެ ކޯޗު އަލީ ނިސްތާރު ބުނީ މެޗުގައި ގްރީންގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އޭނާ ބޭނުންވި ގޮތަށް ހުރިހާ ކުޅުންތެރިން ވެސް މަސައްކަތްކުރި ކަމަށެވެ.
ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އަލުން މި ފެށީ ދިގު ބްރޭކަކަށް ފަހު އެވެ. މާލޭގައި ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ހާއްސަ ފިޔަވަޅުތަކުގެ ދަށުން ލީގުގެ ކުޅުން މެދުކަނޑާލީ މިދިޔަ މަހުގެ 3 ވަނަ ދުވަހު އެވެ.
ލީގުގައި އިއްޔެ ހަވީރު ސުޕަ ޔުނައިޓަޑް ސްޕޯޓްސް (ސަސް) އަތުން ކްލަބު އީގަލްސް ވަނީ 2-1 އިން މޮޅުވެ އެވެ. މި މެޗުގައި އީގަލްސްގެ ދެ ލަނޑު ވެސް ޖެހީ އެ ޓީމާ އަލަށް ގުޅުނު ރަޝިއާގެ ފޯވަޑް ވްލަޑިސްލާވް ކްރޮމިޝިނެވެ. ސަސް އަށް ދެވަނަ ހާފުގައި ލަނޑު ޖަހައިދިނީ ސްވިޑަންގެ ފޯވަޑް ޝްރޮދާން މަހޯލީ އެވެ.