ރޯދަ މަހު ކާބޯތަކެތީގެ އަގުތައް ރައްޔިތުންނަށް ފަސޭހައިން ބެލޭނެ ހާއްސަ ޕޯޓަލް "އަގުމަގު" ތައާރަފްކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ތައްޔާރުކުރި "އަގުމަގު" ޕޯޓަލް ރޭ ރަސްމީކޮށް ލޯންޗްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
މި އެޕްލިކޭޝަންގެ މައިގަނޑު މަގުސަދަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ލިބެން ހުރި ތަންތަން ބުނެދިނުމެވެ.
އިކޮނަމިކް މިނިސްޓްރީން ބުނީ މި ޕޯޓަލްގެ ޒަރީއާއިން ރައްޔިތުންނަށް އެއްތަނަކުން ކާބޯތަކެތީގެ އަގުތައް ބެލޭނެ ކަމަށެވެ.
މި ޕޯޓަލްގައި އަގުތައް އަޕްޑޭޓްކުރުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުތަކުން ކޮންމެ ހަފުތާއަކު ފިހާރަތަކާއި ބާޒާރުތަކަށް ޒިޔާރަތްކޮށް އެއްކުރާ ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށެވެ. މިހާރު މި ޕޯޓަލްގައި ހިމަނާފައިވަނީ މާލެ އާއި ހުޅުމާލޭގެ ފިހާރަތަކުގެ އަގުތައް ކަމަށާއި، ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގެ ރަށްރަށުގެ އަގުތައްވެސް ހިމެނޭނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
ޕޯޓަލް ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ މި އެޕްލިކޭޝަން ޑިޒައިންކޮށްފައިވަނީ ރައްޔިތުންނަށް ގޭގައި ތިބެގެން ކާބޯތަކެތީގެ އަގުތައް ފަސޭހައިން ބެލޭނެ ގޮތަށް ކަމަށެވެ. މި ޕޯޓަލްގައި ހިމަނާފައިވާ ކާބޯތަކެއްޗަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަނޑައަޅާފައިވާ އަސާސީ ބާވަތްތަކެއް ކަމަށް ވެސް ބުންޏެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވިޔަފާރިވެރިންނަށް އެ މީހުން އަމިއްލައަށް އެޕްލިކޭޝަނަށް ވަދެ އަގު ޖަހާލުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ސައިދު ވިދާޅުވި އެވެ.