މަދީނާ (މާޗް 27)- ހައްޖާއިން އުމްރާގެ ކަންކަމުގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުންނާއި މައްކާ މަދީނާގެ ފިހާރަތަކުގައި މަސައްކަތްކުރާ މީހުން ކޮވިޑް ވެކްސިން ޖެހުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށް ސައުދީއަރަބިއާގެ މުނިސިޕަލް އެންޑް ރޫރަލް އެފެއާޒް އެންޑް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައްޖާއި އުމްރާކުރަން އަންނަ ފަރާތްތަކުން ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ވެކްސިން ޖަހާ ނިންމަން ޖެހޭނެ އެވެ.

ސައުދީ މިނިސްޓްރީން ބުނިގޮތުގައި މުވައްޒަފަކު ވެކްސިން ނުޖަހާ ހުރި ނަމަ ކޮންމެ ހަތް ދުވަހުން ޕީސީއާރް ޓެސްޓު ހަދަން ޖެހޭނެ އެވެ.

ބޯކޮށާ ތަންތަނާއި، ކެފޭ ރެސްޓޯރެންޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް މޭ 13 އިން ފެށިގެން ވެކްސިން ޖަހަން ފަށަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިއަހަރުގެ ރަމަޟާން މަސް ފެށޭނެ ކަމަށް ބެލެވެނީ އޭޕްރިލް 12 ގަ އެވެ. އަދި ހައްޖު ފެށޭނީ ޖުލައި 17 ގައި ކަމުގައި ވެސް ބެލެވެ އެވެ. މި ދުވަސްތައް ކަނޑައެޅޭނީ ހަނދު ބެލުމަށް ފަހު އެވެ. -- އަލް އަރަބިއްޔާ