ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ބޮންޑެއް އިންޑިއާއަށް ވިއްކައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ފައިސާ ސަރުކާރާ ހަވާލުކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ބަޖެޓް ސަޕޯޓް އެހީގެ ގޮތުގައި ގަތް ބޮންޑުގެ ރަމްޒީ ޗެކް މިނިސްޓަރު އަބްދުﷲ ޝާހިދާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އެވެ.

އެ މިނިސްޓްރީން ބުނީ އިންޑީއާއިން 250 މިލިއަން ޑޮލަރު ރާއްޖެއަށް ދިނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ އިގްތިސާދީ ގެއްލުންތައް ކުޑަކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގަތުމާ ގުޅިގެން ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ 250 މިލިއަން ޑޮލަރުގެ އެހީ އިންޑިއާ ސަރުކާރުން ފޯރުކޮށްދެނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް، ޓްރެޒަރީ ބޮންޑް ގަނެގެންނެވެ. މި ބޮންޑު ދިނީ ބޮންޑް ގަތުމުގެ އުސޫލުން، 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.

"މިއީ ކޮވިޑް-19ގެ ޙާލަތު ދިމާވި ފަހުން ގައުމަކުން ރާއްޖެއަށް ފޯރުކޮށްދޭ އެންމެ ބޮޑު އެހީ،" އެ މިނިސްޓްރީން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ ގާތް އެކުވެރިއެއްކަމަށާއި، އެހީތެރިކަމެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާއިން ކަމަށެވެ. އަދި ފަތުރުވެރިކަން މެދުކެނޑުމާ ގުޅުގެން ދައުލަތަށް ވަންނަ އާމްދަނީ ވަރަށް ބޮޑުތަނުން މަދުވެފައިވާ މިދަނޑިވަޅުގައި، މިއަދު އިންޑިއާއިން ފޯރުކޮށްދެއްވި އެހީގެ ސަބަބުން ދައުލަތަށް މިވަގުތަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އިންޑިއާއިން ފޯރުކޮށްދެއްވާ އެހީގެ ބޭނުންކުރެވޭނީ ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ކޮވިޑް-19 ރެސްޕޮންސް ޕެކޭޖްތަކަށް ކަމަށެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދުއާއި، ފިނޭންސް މިނިސްޓަރު އަމީރުގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސީއީއޯގެ އިތުރުން ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.