ޅ. ހިންނަވަރުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެ، އެ ރަށަށް އަރައި ފޭބުން މިއަދު މަނާކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ހިންނަވަރުން ޕޮޒިޓިވްވި މީހާއަކީ ކޮވިޑްގެ އަލާމާތްތައް ފެނުމުން ޓެސްޓްކުރި މީހެއް ކަމަށެވެ.

ފެލިވަރާއި ނައިފަރު ހިމެނޭހެން އެސަރަހައްދުގެ ގިނަ ރަށްތަކަކުން ކޮވިޑްގެ ކޭސްތަކެއް ފެނިފައިވާއިރު ހިންނަވަރުން ޕޮޒިޓިވްވި ކޭސްއަކީ އެ ކްލަސްޓާއާ ގުޅުމެއްހުރި ކޭސްއެއް ކަމަށް ނުބެލެވޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން މިހާރު ދަނީ އެ ރަށަށް އަރާ ފޭބުން މަނާކޮށް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.

ޅ އަތޮޅުގެ ގިނަ ރަށްތަކެއްގެ މީހުން މަސައްކަތްކުރާ މަސް ބަންދުކުރާ ކާރުހާނާ ހުންނަ ފެލިވަރުން މިހާތަނަށް 65 އަކަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ފެލިވަރު ކަލްސްޓާއާ ގުޅުންހުރި ކޭސްތަކެއް ކައިރި ރަށްތަކުން ވެސް ވަނީ ފެނިފަ އެވެ.

މިފަހަކަށް އައިސް އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފަ އެވެ.

އެޗްޕީއޭގެ ޑޭޝްބޯޑުން ދައްކާގޮތުގައި މިހާރު އެކްޓިވް ކޭސްގެ އަދަދު 1،803 އަށް އިތުރުވިއިރު، އޭގެ ތެރެއިން 269 ކޭސްއަކީ އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވެފައިވާ ކޭސްތަކެވެ.