2025 ވަނަ އަހަރުގެ ރަމަޟާން މަހު އުމްރާގެ އަޅުކަން އަދާކުރާ މުސްލިމުންގެ ދީނީ ސުވާލުތަކަށް ޖަވާބު ދޭން އޭއައި ރޮބޮޓެއް މަސްޖިދުލް ހަރަމްގައި ގާއިމު ކޮށްފި އެވެ.

ދެ ހަރަމްއާ ބެހޭ އިދާރާގެ ވެރިޔާ އަބްދުއްރަހްމާން އަލް ސުދައިސް އިފްތިތާހު ކޮށްދެއްވި "މަނާރާ ރޮބޮޓް"އަކީ އަޅުކަމުގައި އުޅޭ އުމްރާވެރިންގެ ސުވާލުތަކަށް ދީނީ ނަޒަރަކުން ޖަވާބު ދިނުމުގެ ކުޅަދާނަކަން ލިބިގެންވާ ރޮބޮޓެކެވެ.

އިންޓަގްރޭޓަޑް ޑާޓާ ބޭސްއެއްގެ އެހީގައި އެ ރޮބޮޓް ސުވާލުތަކަށް ޖަވާބު ދޭއިރު ތަފާތު ގިނަ ބަސް ބަހުން ވާހަކަ ދެއްކުމުގެ ގާބިލުކަން ވެސް އެ ރޮބޮޓަށް ލިބިގެންވެ އެވެ.

މިއީ ސައޫދީ އަރަބިއާއިން މިހާރު ދެ ހަރަމްގައި ކުރިއަށް ގެންދާ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަށުން ގެނެވުނު ބޮޑު ބަދަލެއް ކަމަށް ހަބަރުތައް ބުނެ އެވެ.

މަނާރާ ރޮބޮޓް ތައާރަފް ކުރެވުމާއެކު އުމްރާވެރިންނަށް އިތުރު ފަސޭހަތަކެއް ލިބި އަޅުކަން އަދާކުރުމުގައި ހުރި ދަތިތައް ފިލާނެ ކަމަށް ސައޫދީގެ އިދާރާތަކުން ބުނެ އެވެ.

މި ރަމަޟާން މަހު ވެސް އުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި އެތައް ހާސް މުސްލިމުންނެއް ސައޫދީ އަރަބިއާއަށް ގޮސްފައިވެ އެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހަކީ ތާރީހުގައި ވެސް ހަރަމްފުޅަށް އެއްދުވަހެއްގައި އެންމެ ގިނަ މީހުން ވަތް ދުވަސް ކަމަށް ތަފާސް ހިސާބު ތަކުން ދައްކަ އެވެ.