މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު ލިބުނު އާމްދަނީ ފަސް ޕަސެންޓް އިތުރުވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދެއްކި ޖުމްލަ އާމްދަނީ އަކީ 2.47 ބިލިއަން ރުފިޔާ އެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 5.4 ޕަސެންޓް އިތުރު އަދަދެެއްް ކަމަށް މީރާއިން ބުނެ އެވެ. އަދި، މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 5.1 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

މީރާއިން ބުނިގޮތުގައި، ފެބުރުވަރީ 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ބަލައިގަންނަން ފެށުމާއި، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފާރާތްތަކުން ނަގާ ޓެކުހުގެ އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފާރާތްތަކުން ނަގާ ޓެކުހުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން، ފެބުރުވަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވުމަކީ، މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބެއް ކަމަށް އެ އިދާރާއިން ބުނެ އެވެ. މީގެ އިތުރުން، ޖެނުއަރީ 2024 އާ އަޅައިބަލާއިރު ޖެނުއަރީ 2025 ގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ޕަސެންޓް 11.7 އަށް އިތުރުވެފައިވާތީ، ގްރީން ޓެކުހާއި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވެސް ވަނީ އިތުރުވެފައި ކަމަށް މީރާއިން ބުނެ އެވެ.

މިދިޔަ މަހު އަންދާޒާ ކޮށްފައިވާ އާމްދަނީއަށް ވުރެ 5.1 ޕަސެންޓް އިތުރުވި މައިގަނޑު އެއް ސަބަބަކީ، ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް މީރާއިން ބުނެ އެވެ. މީގެ އިތުރުން، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ އާމްދަނީ އިތުރުވެފައިވުމަކީ، މި މުއްދަތުގައި ލިބުނު ޖުމްލަ އާމްދަނީ އިތުރުވުމުގެ އެއްސަބަބު ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ. މީގެ އިތުރުން، ޖެނުއަރީ 2025 ގައި ލިބިފައިވާ އާމްދަނީގެ 14.8ޕަސެންޓްއަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާކަމުން، މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ އެއްސަބަބު ކަމަށް ވެސް މީރާއިން ބުނެ އެވެ.

މިދިޔަ މަހު މީރާއަށް ދެއްކި އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 49.8 ޕަސެންޓް ނުވަތަ 1.23 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީއިން ނަގާ ޓެކުހުންނެވެ. އެއީ 16.3 ޕަސެންޓް ނުވަތަ 401.4 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 307.2 މިލިއަން ރުފިޔާ (12.4 ޕަސެންޓް)، ގްރީން ޓެކުހުގެ ގޮތުގައި 149.7 މިލިއަން ރުފިޔާ (6.1 ޕަސެންޓް)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 102.4 މިލިއަން ރުފިޔާ (4.2 ޕަސެންޓް) އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 98.7 މިލިއަން ރުފިޔާ (7.2 ޕަސެންޓް) ލިބިފައިވެ އެވެ.

މީރާއިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 118 މިލިއަން ޑޮލަރު ހިމެނެ އެވެ.