އާއިލާއަކަށް ނިސްބަތްވާ ހަ މީހަކު މި ރޯދަ މަހު އުމްރާއަށް ދިއުމަށް ފައިސާ ދެއްކި ފަހުން އެންމެ ފަހު ވަގުތު، ނުގެންދެވޭނެ ކަމަށް އުމުރާ ގުރޫޕަކުން އަންގައިފި އެވެ.
އުމުރާއަށް ދިއުމަށް އެ އާއިލާއިން މާލެއައުމަށް ތައްޔާރުވެފައި ވަނިކޮށް ނުދެވޭނެކަން އެންގީ އަސްކޮއި ހައްޖު ގުރޫޕުންނެވެ.
އެ އާއިލާގެ މެންބަރަކާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އާއިލާގެ މަންމައާ ބައްޕަ ހިމެނޭހެން ހަ މީހަކު މި އަހަރުގެ ރަމަޟާންމަހު އުމުރާގެ އަޅުކަން އަދާކުރުމަށް 252،000ރ ވަނީ އެ ގުރޫޕަށް ދައްކާފަ އެވެ.
އެ އާއިލާއިން ފައިސާ ދެއްކި އިރު އަސްކޮއި ގުރޫޕުން ވަނީ އެމީހުންނަށް މި މަހުގެ 16 ގައި ފުރޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މިއަދު މާލެ އަންނަން ހުރިހާ ކަމެއް ނިންމާފައިވަނިކޮށް ދިމާވި މައްސަލައަކުން ކަމަށް ބުނެ ފަހު 10ގެ އުމްރާއަށް ދަތުރުކުރެވެން ނެތް ކަމަށް އެ ގުރޫޕުން ވަނީ އާއިލާއަށް އަންގާފަ އެވެ.
އަސްކޮއި ގުރޫޕުން އެއާއިލާއަށް މިކަން އަންގަމުން ބުނެފައިވަނީ އެ ދިމާވި ކަމެއްގެ ސަބަބުން ދަތުރަށް ވަރަށް ބޮޑަށް ބުރޫއަރައިގެން ދަތުރު ކުރެވޭނެ ކަމުގެ އުއްމީދު ކުޑަ ކަމަށެވެ.
އެ މީހުން ވަނީ ދަތުރު ނުކުރެވޭނަމަ އަވަހަށް ފައިސާ ރިފަންޑު ކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް މިހާތަނަށް ފައިސާގެ ރިފަންޑު ހަމަނުޖެހޭ ކަމަށް އާއިލާއާ ހަވާލާދީ މިހާރު ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.
މިކަމާއި ގުޅިގެން އަސްކޮއި ގުރޫޕާއި އިސްލާމިކު މިނިސްޓްރީން މިހާތަނަށް ބަހެއް ބުނެފައި ނުވެ އެވެ.
މީގެ ކުރިންވެސް އެކި ގުރޫޕުތަކުގެ އިހުމާލުން، މީހުން އަތުން ފައިސާ ނެގުމަށްފަހު އުމުރާއަށް ނުގެންދެވުމާއި އުމުރާއަށް ގެންދިއުމަށްފަހު ހާލުގައި ޖެހިގެން ސަރުކާރުން އެހީތެރިވާން ޖެހިފައިވެ އެވެ. އަދި ދާދިފަހުން އިސްލާމިކް މިނިސްޓްރީން ވަނީ މިފަދަ ބައެއް ހައްޖު އަދި އުމުރާ ގުރޫޕްތަކަށް ފިޔަވަޅު އަޅާފަ އެވެ.