ރަތް ކަނޑުގެ އައްސޭރި ފަށުގައި ބިނާ ކުރެވިފައިވާ އެ މިސްކިތަކީ ސައޫދީ އަރަބިއާގެ ޖިއްދާގައި ހުރި އެންމެ ފާހަގަ ކޮށްލެވޭ އެއް ބިނާ އެވެ.
ފްލޯޓިން މަސްޖިދްގެ ނަމުން މަޝްހޫރު ވެފައިވާ އެ މިސްކިތަށް އެކި ނަން ނަމުން މުހާތަބު ކުރެވެ އެވެ. އޭގެ ތެރޭގައި މަސްޖިދުލް ރަހްމާއާއި މަސްޖިދުލް ފާތިމާ އައްޒަހްރާ ހިމެނެ އެވެ.
މި މިސްކިތަށް ލިބިފައިވާ އެންމެ ބޮޑު އެއް ހައިސިއްޔަތަކީ އެ މިސްކިތް ބިނާ ކުރެވިފައިވާ ސަރަހައްދާއި އެ މިސްކިތުގެ އާކިޓެކްޗަރަލް ޑިޒައިން އެވެ.
ޖިއްދާގެ އަތިރިމަތިން ރަތްކަނޑުގެ އައްސޭރި ފަށުގައި ހަދާފައިވާ ޕްލެޓްފޯމެއްގެ މަތީގައި ބިނާ ކުރެވިފައިވާ އެ މިސްކިތް ދިޔަވަރު ބޮޑުވެގެން އަންނައިރު ފެންނަނީ ފެނުގެ މަތީގައި އިމާރާތް ކުރެވިފައިވާ މިސްކިތެއް ހެންނެވެ.
އެންމެ ފުރަތަމަ 1985 ވަނަ އަހަރު ބިނާކުރެވުނު 2400 އަކަ މީޓަރުގެ އެ މިސްކިތުގައި 52 ގުއްބު ހިމެނޭއިރު އިސްލާމީ ލިޔުންތަކުން ޒީނަތްތެރި ކުރެވިފައިވާ ކުޑަދޮރުތަކަށް އިތުރު ބާރެއް ދެނީ މިސްކިތުގެ އެކި ސަރަހައްދުތަކުގައި ހުރި ބޮޑެތި ތަނބުތަކުންނެވެ.
އެއާއެކު މަސްޖިދުލް ރަހްމާގެ ވަށައިގެން ލާފައިވާ ހުދު ކުލައާއި އެތަނުގެ ފަހަތުން ފެންނަ އިރު އޮއްސޭ މަންޒަރަކީ ވެސް މިސްކިތުގެ ރީތިކަން އިތުރު ކޮށްދޭ ކަމެކެވެ.
އެހެން ކަމުން 2300 މީހުންގެ ޖާގައިގެ އެ މިސްކިތް ވެފައިވަނީ ހާއްސަކޮށް ރަމަޟާން މަހު ޖިއްދާގައި އުޅޭ މުސްލިމުންގެ މެދުގައި މަގުބޫލު ތަނަކަށެވެ. އެތަނުގައި އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކު ވެސް ރޯދަ ވީއްލަ އެވެ.
ޖިއްދާގެ މުސްލިމުން ބުނާ ގޮތުގައި ފްލޯޓިން މިސްކިތުގައި އިރުއޮއްސޭ މަންޒަރު ބަލަމުން ރޯދަ ވީއްލުމަކީ ހިތަށް ރޫހާނީ ހަމަޖެހުން ލިބޭ ކަމެކެވެ.
"ކޮންމެ ރަމަޟާން މަހަކު އަހަރެން ގެއަށް އަންނަނީ މި މިސްކިތުގައި ރޯދަ ވީއްލުމުގެ އުއްމީދުގައި" ޖިއްދާގައި ދިރިއުޅޭ މުސްލިމަކު ބުންޏެވެ.
ސައޫދީ އަރަބިއާއަކީ އިސްލާމް ދީނުގެ އެންމެ މުހިއްމު ބިނާތައް ހުރި ގައުމަށް ވާއިރު އޭގެ ތެރޭގައި ފްލޯޓިން މަސްޖިދު ފަދަ ޒަމާނީ ބިނާތައް ވެސް ހިމެނެ އެވެ.