ސުލްހަވެރި އެއްވުންތައް ބޭއްވުމަށް ފުރުސަތު ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.
އިދިކޮޅު އެމްޑީޕީން ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ސުލްހަވެރިކޮށް ބޭއްވޭ އެއްވުންތައް ބޭއްވުމަށް ފުރުސަތުދިނުމުގެ އިތުރުން އެއްވުންތައް ރޫޅާލަން ޖެހޭ ހާލަތުގައި ގާނޫނީ އިމުގެ ތެރެއިން އެކަން ކުރުމަށް ގޮވާލާފަ އެވެ.
މުޒާހަރާތަކުގައި ބާރުގެ ބޭނުންކުރާއިރު، ގާނޫނީ އިމުގެ ތެރެއިން އެކަން ކުރުމަށް ވެސް އެ ކޮމިޝަނުން ގޮވާލި އެވެ.
އެ ކޮމިޝަނުން ވަނީ މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވާ މީޑިއާތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
ރޭގެ މުޒާހަރާގައި ވާހަކަދެއްކި މީހަކު ބުނީ ވޭޕް މަނާކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިއަކު ވޭޕް ބޭނުންކުރިކަން އެނގިގެން ކަމަށެވެ. އެކަމާ ގުޅިގެން އެޗްއާރްސީއެމްގެ ބަޔާނުގައި ބުނީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތަކަށް މުޒާހަރާގައި ވާހަކަދެވުނު ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ކޮމިޝަނުން ބުނީ ޚިޔާލު ފާޅުކުރުމުގެ ނަމުގައި ކުޑަކުއްޖެގެ އަބުރަކަށް އުނިކަން ލިބޭފަދަ ގޮތަކަށް ވާހަކަދެއްކުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި، އެފަދަ ކަންކަން ހުއްޓުވައި، ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް އެ ކޮމިޝަނުން ގޮވާލާފައިވެ އެވެ.
އެމްޑީޕީގެ މުޒާހަރާތަކުގެ ތެރެއިން ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް އަނިޔާވީ އެކަމުގެ ސަބަބުން ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެކުރިމަތިލުންތަކުގައި މުޒާހަރާގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށެވެ.