ކިޔަވާ އެތައް ދަރިވަރުންނާއި. ޓީޗަރުން އަދި އިދާރީ މުވައްޒަފުންގެ ޒިންމާނަގައިގެން ބެލެނިވެރިންނާއި ވެރިން ހިތްހަމަޖެހޭގޮތަށް ސްކޫލެއް ހިންގުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ. ނަމަވެސް އެ މަގާމާ ހަވާލުވީ އަމިއްލަ ނަފްސަށްކުރާ އިތުބާރާއި ޔަގީންކަމެއްގެ މައްޗަށް ބުރަވެ، އެބުރަ ބޮޑު ޒިންމާ އަދާކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތީތީ އެވެ. މިއަދުވެސް އެހުންނެވީ އެގޮތުގައި ސާބިތުވެ ނަމޫނާ ވެރިއެއްގެ ގޮތުގަ އެވެ.
ފާތުމަތު ލީނާ (ލީނާ) ކިޔަވައިދިނުމުގެ ދާއިރާއަށް ނުކުންނެވީ އެކަމަށް އޮތް ބޮޑު ޝައުވެރިކަމެއްގެ ސަބަބުންނެވެ. އެރޮނގުން ކުރިއަށް ދިއުމަށްޓަކައި އޭނާ އަމީނިއްޔާ ސްކޫލުން ތައުލީމު ހާސިލް ކުރެއްވުމަށްފަހު އައިޓީއީ (އިންސްޓިޓިއްޓް އޮފް ޓީޗާސް އެޑިއުކޭޝަން) އާއި ގުޅިވަޑައިގަތެވެ.
އެ ކޯހުގައި ބައިވެރިވެވަޑައިގެން ލިބުނު ފުރުސަތުތަކުން އަމިއްލަ މީހާގެ ކިބައިގައި ހުރި ލީޑާޝިޕް ހުނަރުތަކެއް ފާހަގަވި އެވެ. އެގޮތުން އެންމެ ފުރަތަމަ އަހަރު ސްޓިއަރިން ކޮމެޓީގައި ހިމެނިގެން ކްލާސް ރެޕެއްގެ ގޮތުގައި ހޮވުނެވެ. ދެވަނަ އަހަރު އީއެލްއޭ (އިންގްލިޝް ލިޓްރަރީ އެސޯސިއޭޝަން)ގެ ރައީސްއަކަށް، ނެގި ވޯޓުން ހޮވުނެވެ. އެއީ އޭނާ ލީޑާޝިޕް މަގާމަކާ ހަވާލުވި ފުރަތަމަ މަރުހަލާ އެވެ.
މުދައްރިސްކަމުގެ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު ފުރަތަމަ ގުޅުނީ ތާޖުއްދީން ސްކޫލްއާ އެވެ. ފުރަތަމަ އަދާކުރެއްވީ ޕްރައިމަރީ ޓީޗަރެއްގެ މަގާމެވެ. އޭރު ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ އެދިލެއްވުމުގެ މަތިން މިޑްލްސްކޫލް ދަރިވަރުންނަށް އިނގިރޭސި ކިޔަވައިދެއްވަން ޖެހުނެވެ. ހަމަ އެދުވަސްވަރު މިޑްލް ސްކޫލްގައި މަސައްކަތް ކުރަނިކޮށް ރާއްޖެއިން ބޭރަށް މިޑްލް ސްކޫލް ކޯހެއް ހަދަން ހުޅުވާލެވުމާ އެކު އެކޯހުގައި ބައިވެރި ވަޑައިގަތެވެ. އެ ކޯސް ފުރިހަމަ ކުރެއްވީ 2003-2004ށް އިންޑިއާގެ މައިސޫރުގަ އެވެ.
ޑިޕްލޮމާ ފުރިހަމަ ކުރުމަށްފަހު 2005 ވަނަ އަހަރު ރާއްޖެ ވަޑައިގެން ތާޖުއްދީން ސްކޫލްއާ އަލުން ގުޅިވަޑައިގަތީ ސައިންސް ކިޔަވައިދެއްވާ ޓީޗަރެއްގެ ގޮތުގަ އެވެ. އެއް އަހަރު ކިޔަވައިދެއްވަމުން، ބެޗެލާސް އޮފް ޓީޗިން އިންގްލިޝް އޭޒްއަ ފޮރިން ލޭންގުއޭޖް ޑިގްރީކޯސް ފުރިހަމަ ކުރެއްވީ 2008 ވަނަ އަހަރު އެވެ.
އެއަށްފަހު ދެން މަސައްކަތް ކުރެއްވީ ދަރުމަވަންތަ ސްކޫލްގައި އިނގިރޭސި މާއްދާ ކިޔަވައިދެއްވާ ޓީޗަރެއްގެ ގޮތުގަ އެވެ. ދަރުމަވަންތަ ސްކޫލްގައި ކިޔަވައިދެއްވަން ފެއްޓެވިތާ މާގިނަ ދުވަހެއް ނުވެ، އެ ސްކޫލުން ސުޕަވައިޒަރެއް ބޭނުންވެގެން އިއުލާން ކުރުމުން އެ މަގާމަށް އޭނާ ކުރިމަތިލައްވައިގެން ހޮވުނެވެ. އެއަށްފަހު މަސައްކަތް ކުރެއްވީ މެނޭޖްމަންޓް ދާއިރާގައި ސުޕަވައިޒަރެއްގެ މަގާމުގަ އެވެ.
ދަރުމަވަންތަ ސްކޫލުގައި މަސައްކަތް ކުރައްވަމުން ދަނިކޮށް މާސްޓާސް އިން އެޑިއުކޭޝަން މެނޭޖްމަންޓް ކޯހަކަށް ކުރިމަތިލައިގެން ހޮވުނެވެ. އެ ކޯސް ފުރިހަމަ ކުރުމަށްފަހު ރާއްޖެ ވަޑައިގަތީ 2011 ވަނަ އަހަރެވެ.
"އަޅުގަނޑު އެދުނިން މިނިސްޓްރީގައި ރަށަކަށް ތަޖުރިބާކޮށްލުމަށް ފޮނުވުމަށް. އަޅުގަނޑު ފޮނުވީ ތ. ހިރިލަންދޫއަށް. އެއީ ވަރަށް އާބާދީ ކުޑަ ރަށެއްކަމުން ތަޖުރިބާއާއި ހުނަރު ކުރިއަރުވަން ލިބޭ ފުރުސަތު ވަރަށް ހަނި،" ލީނާ ވިދާޅުވި އެވެ.
ހިރިލަންދޫ ސްކޫލްގައި މަސައްކަތް ކުރައްވަނިކޮށް ތާޖުއްދީން ސްކޫލްގައި ޑެޕިއުޓީ ޕްރިންސިޕަލްއެއްގެ މަގާމަށް އިއުލާން ކުރުމުން އެ މަގާމަށް ކުރިމަތިލައި ހޮވުނެވެ. އެ ސްކޫލުގައި 2013 އިން ފެށިގެން 2019 އަށް ހަތް އޭނާ މަސައްކަތް ކުރެއްވެވި އެވެ.
ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުގައި ތާޖުއްދީން ސްކޫލުގައި ވަރަށް ގިނަ ޒިންމާތައް އަދާކުރަން ލިބުނެވެ. އޭގެ ތެރެއިން އެންމެ ޝައުގުވެރިވި އެއް ޒިންމާއަކީ ކުޅިވަރެވެ. އޭރު އަޒުމަކަށްވީ ސްކޫލްގައި ކުޅިވަރު ތަރައްގީކޮށް، ރަނގަޅު ކާމިޔާބީތަކެއް ސްކޫލަށް ހޯދައި ދިނުމެވެ. އެއާއެކު އެ ސްކޫލުން ކުރިއަށްގެންދާ ކުޅިވަރުތަކުގެ އިތުރުން އެހެން ކުޅިވަރުތައް ތައާރަފް ކޮށްދެއްވި އެވެ. އޭގެ އިތުރުން ކަލާސް އެވޯޑްސްގައި ސްކޫލަށް ގިނަ ވަނަތަކެއް ހޯދައިދިނުމުގައި ލީނާ ވަރަށް ބޮޑު ރޯލެއް އަދާކުރެއްވި އެވެ.
ކުޅިވަރު ތަރައްގީކުރަން ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ ވަރަށް ފުރިހަމަ ވަރަށް އެދެވޭ ކާމިޔާބީއެއް ކަލާސް އެވޯޑްއިން ހާސިލްކޮށް، އިންޓަ ސްކޫލްގެ ވަރަށް ގިނަ ކުޅިވަރުތަކުން ޗެމްޕިއަންކަން ލިބުމެވެ. އޭގެ އިތުރުން ބޮޑެތި ދުވަސްތައް ފާހަގަކުރުމުގައި އުފެއްދުންތެރި ވިސްނުން ބޭނުންކޮށް ކާމިޔާބުކަމާ އެކީ އިވެންޓްތައް ނިމިގެންދިއުމެވެ.
ކުރައްވާ މަސައްކަތުގެ ނަތީޖާ ރަނގަޅުކަން އަމިއްލަޔަށް އިހްސާސްވެ، ގިނަ ބަޔަކު ބަލައިގަތުމުން، މަގުސަދު ހާސިލްވީކަމަށް ބަލައި އެކަމުން އަމިއްލަ ހިތްހަމަޖެހުން ވެސް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހުރިހާ ކާމިޔާބެއްގެ އަސްލެއް ކަމުގައި ލީނާ ވިދާޅުވަނީ ހަވާލުކުރެވިފައިވާ ބޮޑުޒިންމާއާ އެއްވަރަށް އޭނާއަށް އެ ސްކޫލްގެ ޕްރިންސިޕަލް އިތުބާރު ކުރެއްވުމެވެ. އެކަމަށްޓަކައި މިއަދުވެސް އޭރުގެ ތާޖުއްދީނުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހުއަށް އޭނާ ޝުކުރު އަދާކުރައްވަ އެވެ.
ތާޖުއްދީން ސްކޫލުގައި ޕްރިންސިޕަލަކަށް ބަޝީރާ ހުންނެވިއިރު 2017 ވަނަ އަހަރުގެ އިންޑިޕެންޑެންސް ޑޭގެ އައިޓެމް ތައްޔާރު ކުރުމުގެ ޒިންމާ ލީނާއާ ހަވާލު ކުރެއްވި އެވެ. އެ އައިޓަމްގެ ކޮރިއާގްރަފީއާއި ޕްރޮޕްސް އަދި ހެދުން ޑިޒައިންކޮށް ތައްޔާރުކުރުމުގައި އެންމެ އިސްރޯލެއް އަދާކުރީ އޭނާ ކަމަށް ލީނާ ވިދާޅުވި އެވެ.
ދެހާސް ނަވާރައިގައި ސަރުކާރުން "ޓެނުއާޝިޕް"އެއްގެ ދަށުން އެއް އަހަރު ދުވަހަށް އިމާދުއްދީން ސްކޫލަށް އޭނާ ބަދަލުކުރި އެވެ. ބޭނުމެއް ކަމުގައި ވަނީ އެ ސްކޫލަށް ބަދަލެއް ގެނައުމެވެ. އޭރު އިމާދުއްދީނުގައި މަސައްކަތް ކުރެއްވީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދެވެ. ހުސެންގެ ފަރާތުން ގިނަ ލީޑާޝިޕް ހުނަރުތަކެއް ދަސްވިކަމަށް އޭނާ ވިދާޅުވި އެވެ.
"އިމާދުއްދީންއާ ގުޅުމަށްފަހު އަޅުގަނޑު ޕީޓީއޭ އާ ހަވާލުވިން. ދެން އޭރުގެ ޕްރިންސިޕްލަ ހަވާލުކުރެއްވި ޔުނިފޯމް ޑިޒައިން ކުރަން،" އޭނާ ވިދާޅުވި އެވެ.
އިމާދުއްދީންގައި ގިނަ ޕްރޮގްރާމްތަކެއް ހިންގުމުގެ ފުރުސަތުތަކެއް ވެސް ލިބުނެވެ. އޭގެ ތެރޭގައި ރީޑިން ޕްރޮގްރާމާއި "ވެލިއު" ޕްރޮގްރާމް ހިމެނެ އެވެ. ވެލިއު ޕްރޮގްރާމަކީ މިއަދާ ހަމައަށް ވެސް އިމާދުއްދީނުގައި ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ލީނާގެ އަބަދުވެސް ކުރާ އުއްމީދަކީ އެންމެ މަތީ ހަރުފަތަށް އެރުމެވެ.
ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމުގެ ކުރިން މުހައްމަދު ގާސިމް ޕްރީ ސްކޫލް ވެސް ލީނާގެ ބެލެމުގެ ދަށުން ދުވަސްކޮޅަކު ހިންގި އެވެ. އެއަށްފަހު ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމާއެކު ލިބުނު ފުރުސަތެއްގެ ބޭނުންހިފައި، އެ ސްކޫލްގެ ޕްރިންސިޕަލް ކަމަށް ކުރިމަތިލައި، ހޮވުމުން، އެ ބުރަ ބޮޑު މަސްއޫލިއްޔަތު އަދާކުރުމުގެ ޒިންމާ ނެންގެވި އެވެ.
އޭނާ ކުރިން މުޅިން ވެސް މަސައްކަތް ކުރެއްވީ ވަސީލަތްތައް ފުރިހަމަވެފައިވާ ސްކޫލްތަކެއްގައި ކަމުން ވަސީލަތްތައް މުޅިން ފުރިހަމަވެފައި ނުވާ ސްކޫލެއްގައި މަސައްކަތް ކުރުންވީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. އެހެން ނަމަވެސް ވަރަށް އިހުލާސްތެރި ޕީޓީއޭ އާއި ޓީޗަރުންތަކެއްގެ އެހީއާއި އެއްބާރުލުމާއެކު ލީނާގެ މަސައްކަތް ފަސޭހަވެގެން ދިޔަކަން އޭނާ އުފަލާއެކު ފާހަގަ ކުރެއްވި އެވެ. ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި ދިމާވި އެންމެ ބޮޑު އެއްގޮންޖެހުމަކީ ތަފާތު ވިސްނުމުގެ މީހުން އެއްކުރުން ކަމަށް އޭނާ ބުންޏެވެ.
ކާމިލްދީދީ ޕްރައިމަރީ ސްކޫލަކީ ވަރަށް ހަގު ސްކޫލެއްކަމަށް ވި ނަމަވެސް ކަނޑައެޅި ހުރިހާ ލަނޑުދަނޑިތަކެއް ހާސިލްކުރެވުނެވެ. ސްކޫލް ފުރަތަމަ ފަށައިގަތް ދުވަސްތަކުގައި ޕޫލްތަކާއި ކްލަބްތައް ހުޅުވިގެން ދިޔަ އެވެ. އެންމެ ފުރަތަމަ އުފެއްދި ކްލަބަކީ ގުރުއާން ޕޫލްކަމަށް އޭނާ ވިދާޅުވި އެވެ.
ގްރުއާން ކްލަބް ފުރަތަމަ އުފެއްދުމަށްޓަކައި ގިނަ ކުދިންތަކެއްގެ ތެރެއިން ރީތިކޮށް ކިޔަވާ ކުދިން ކޮޅެއް ހޮވާލެވުނެވެ. ސްކޫލްގެ ފުރަތަމަ އަހަރު އިންޓަ ސްކޫލް ފުޓްބޯލް ފިއެސްޓާއިން ދެވަނަ ކާމިޔާބު ކުރެވުނެވެ. އަދި ދެވަނަ އަހަރު ފަލާހް ގުރުއާން މުބާރާތުން ޗެމްޕިއަންކަން ހާސިލްކުރި އެވެ.
ލީނާއަކީ ކުރެހުމަށާއި ފޮޓޯގްރަފީއަށް ވަރަށް ޝައުގުވެރިވާ ބޭފުޅެކެވެ. ފޮތް ކިޔުމާއި އެކި މަންޒިލްތަކައް ދަތުރުކުރުމަކީ ވެސް ހުސް ވަގުތެއް ލިބިއްޖެ ނަމަ އޭނާ ކުރައްވާ ކަންކަމެވެ. އަދި ޚާއްސަކޮށް ޖެޓްސްކީ ދުއްވުމަކީ ވެސް އޭނާ ވަރަށް ޝައުގުވެރިވާ ކަމެކެވެ.
ކޮންމެ ދިމާލެއްގައި މަސައްކަތް ކުރެއްވި ނަމަވެސް އޭނާގެ ވިސްނުމަކީ އަބަދުވެސް ތަން ރަނގަޅު ކުރުމެވެ. ތަފާތެއް ގެނައުމެވެ. ލީނާއަކީ ކުރިއަށް ދިއުމުގައި ފުންނާބު އުސް ބޭބޭފުޅުންގެ ލަފާ ހޯދައި، އެއަށް އަމަލުކުރައްވާ ބޭފުޅެކެވެ. އޭނާ ލަފާ ހޯއްދަވާ ބޭފުޅުންތަކުގެ ތެރޭގައި ޣިޔާސުންދީން އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ޠާހާ ސަލީމް އާއި މަޖީދިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު ހިމެނެ އެވެ. ލީނާގެ ކުރިއެރުމުގެ ފަހަތުގައި ހަޔާތުގެ ބައިވެރިޔާއާއި އާއިލާ އަދި ރައްޓެހިން ޝާމިލްވާކަން އޭނާ ގަބޫލުކޮށް އެފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރެ އެވެ.