މީޑިއާނެޓްގެ ސްޓްރީމިން ޕްލެޓްފޯމު ވީޑިއޯކްލަބުން އާ ސީރީޒެއް ރިލީޒްކުރުމަށް ތައްޔާރުވެއްޖެ އެވެ.

"އިމްތިހާން" މި ސީރީޒްގެ ޓީޒާ މިއަދު މިވަނީ ވީޑިއޯކްލަބްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ބެލުންތެރިންނާ ހަމައަށް ދައްކާލާފަ އެވެ. ފެމިލީ ޑްރާމާ ޖޮންރާގެ މައްޗައް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ސީރީޒްއަކީ ހުނަރުވެރި އެކްޓަރު އަދި ފިލްމީ ދާއިރާގައި ފުންނާބު އުސް ތަރި އަބްދުﷲ މުއާޒު (މުއާ)ގެ ޑައިރެކްޝަނެކެވެ.

މި ސީރީޒްގައި ދައްކުވައިދޭނީ އަފާ އަދި މިރުފާންގެ ވާހަކަ އެވެ. ކުޑައިރުއްސުރެން ގާތް މިދެ ރަހުމަތްތެރިން ލޯބީގެ ގޮތުން ގުޅި، ސިއްރިޔާތުގައި ކައިވެނިކޮށް ދަރިފުޅާއެކު ހޭދަކުރާ ދުވަސްތަކުގައި ދިމާވާ އެކިއެކި ހާދިސާތައް މި ސީރީޒްގައި ފެނިގެންދާނެ އެވެ. ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ބޮޑުވެ، އަފާގެ ދިރިއުޅުން މާލެ ބަދަލުކުރަން ޖެހުމާއި ދެމީހުންގެ އަންހެން ދަރިފުޅުގެ ބަލިހާލަތު ގޯސްވުމުގެ ސަބަބުން ކުރިމަތިލާންޖެހޭ އެކިއެކި ކަންކަން ވެސް ފެނިގެންދާނެ އެވެ.

މި ސީރީޒްގެ ލީޑު ރޯލުތަކުން ފެނިގެންދާނީ އަފާގެ ރޯލުން މަގްބޫލު މޮޅު ފިލްމީ ތަރި މަރިޔަމް ޝިފާ އަދި މިރުފާންގެ ރޯލުން ފިލްމީ ދާއިރާގައި މަގްބޫލު ތަރި އަހުމަދު އަޒްމީލް (އަޒޭ) އެވެ. މި ދެ ތަރިންގެ އިތުރުން މި ސީރީޒްގެ އެހެނިހެން ރޯލުތަކުން ޓިކްޓޮކްގައި ގިނަ ދިވެހިންގެ މަގްބޫލުކަން ހޯދި ތަރި މުހައްމަދު އިޝްފާން، ޝަހީދާ އަހުމަދު (ޑޯރާ) އަދި އައިޝަތު ލައިޝާ ލަތީފް ފެނިގެންދާނެ އެވެ.

މި ސީރީޒްގައި ޖުމްލަ 10 އެޕިސޯޑު ހިމެނޭނެ އެވެ. މި ސީރީޒްގެ ޓްރެއިލާ ވަރަށް އަވަހަށް ރިލީޒްކުރާނެ ކަމަށް ވީޑިއޯ ކްލަބުން ބުނެ އެވެ.

މީޑިއާނެޓުގެ ކަސްޓަމަރުންނަށް އެމްޓީވީ ސާވިސް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެ ޓީވީ އަދި ފޯނު މެދުވެރިކޮށް މި ސީރީޒް އަދި އެހެނިހެން ދިވެހި ސީރީޒްތަކުގެ އެޕިސޯޑުތަކާއި ފިލްމު ބަލާލެވޭނެ އެވެ. އަދި އެމްއެސް ގްލޯބަލްއާއި އެމްއެސް ޑީޖިޓަލް ގްލޯބަލް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް މި ސީރީޒް ބަލާލެވޭނެ އެވެ. ޓީވީ މެދުވެރިކޮށް މި ސީރީޒް ބަލާލުމަށް ވީޑިއޯކްލަބްގެ ޓީވީ ޕެކޭޖެއް އެންމެ 100ރ އަށް ނަގާލުމުން ބަލާލެވޭނެ އެވެ. އަދި ފޯނު މެދުވެރިކޮށް އެންމެ 50ރ ގެ ޕެކޭޖަކުން މި ސީރީޒް ބަލާލެވޭނެ އެވެ.