އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން 64.6 މިލިއަން ޑޮލަރު ހޯދަން، ބޮޑު ގެއްލުމަކާއެކު ހިންގާ ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ހުށަހަޅައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނީ ލޯނު ހޯދަން މަސައްކަތް ކުރަނީ އެ ކުންފުނީގެ ކެޕޭސިޓީ އިތުރު ކުރުމުގެ ޕްރޮޖެކްޓަކަށް ކަމަށާއި ކެޕޭސިޓީ އިތުރު ކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ހަތް ކަމެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އައިއެސްޑީބީގެ ލޯނުން ލިބޭ ފައިސާ ބޭނުން ކުރާނެ ގޮތްތައް ވެސް އެ ބަޔާނުގައި ހިމަނާފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އިތުރު ކުރުމާއި ކަނޑުއޮތްގިރި ކޭނަރީ ބޮޑު ކުރުމާއި ކެޕޭސިޓީ އިތުރު ކުރުމާއި މުވައްޒަފުންނަށް ތަމުރީނު ދިނުމާއި ކޮންސަލްޓޭޝަން އަދި ޕްރޮކިއުމެންޓު ފަދަ ކަންކަމުގައި އެހީތެރިކަން ހޯދުމާއި ފައިނޭންޝަލް އޮޑިޓެއް ހިންގުމާއި ކޮންޓިންޖެންސީ އެމެޖެންސީ ރެސްޕޮންސް ކޮމްޕޯނަންޓެއް ހިމެނުމާއި ކުއްލިއަކަށް ހިނގައިދާނެ ހަރަދަކަށް ބަހައްޓާ ފައިސާ ކަމަށެވެ.
އައިއެސްޑީބީގެ ލޯނަކަށް މިފްކޯއިން އެދިފައި މި ވަނީ އެ ބޭންކުން ފައިސާ ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު އޮކްޓޯބަރު، 2024، ގައި އަހުމަދު ޝިޔާމް ވިދާޅުވެފައި ވަނިކޮށެވެ.
މިފްކޯއަކީ ބޮޑެތި ކުންފުނިތަކުގެ ތެރެއިން އެންމެ ދޯހަޅިކޮށް، އަދި އެންމެ ބޮޑު ގެއްލުމުގައި ހިންގަމުން އަންނަ ސަރުކާރުގެ އެއް ކުންފުނިކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިފްކޯ އަކީ ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންކަން ކޮށްފައިވާ ކުންފުންޏެއްގެ ގޮތުގައި ވެސް ގިނަ ބައަކު ވަނީ ލޭބަލް ކޮށްފައެވެ.
ބޮޑެތި ކަރަޕްޝަން ހިންގާ އެއް ކުންފުނީގެ ގޮތުގައި މިފްކޯ ލޭބަލް ވެފައިވާއިރު، އެ ކުންފުނި ރަނގަޅު ކުރަން ރާއްޖެއިން ބޭރުން ރެކްރޫޓު ކޮށްގެން ގެނައި ސީއީއޯ ޑރ. ވިޓަލީ ލިއުބިމޯވް މާޗް 3، ގައި އެ ކުންފުނިން ވަނީ ވަކިކޮށްފަ އެވެ.
ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އޭނާ މަޤާމުން ވަކިކުރީ ރައީސް މުއިއްޒު އިސްވެހުންނަވާ މިފްކޯގައި ހިންގަމުން ގެންދާ ކަރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ އެވެ.