ދިވެހި ބަހާއި ގައުމިއްޔަތާ ބެހޭ މިނިސްޓްރީގައި 48 ސިޔާސީ މުވައްޒަފުން ތިބިކަން ހާމަވެއްޖެ އެވެ.

އެ މިނިސްޓްރީގައި މަސައްކަތް ކުރާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އާންމުވެފައިވާ މައުލޫމާތުތަކުން ކަށަވަރުވާގޮތުގައި އެ މިނިސްޓްރީގައި ފަސް ޑެޕިއުޓީ މިނިސްޓަރުންނާއި 11 ސްޓޭޓް މިނިސްޓަރުން ތިއްބަވަ އެވެ.

މީގެއިތުރުން 12 ޕޮލިޓިކަލް ޑިރެކްޓަރުންނާއި 18 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރަކު ހުރެ އެވެ.

މި އެންމެންގެ މުސާރައަށް މަހަކު މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކުރެ އެވެ. ނަމަވެސް މިހާތަނަށް އެ މިނިސްޓްރީން ކުރި ކަމެއް ނެތެވެ.

އެ މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ ގައުމީ ޗާޕްހާނާ ގާއިމް ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށްނުގެންދަން ރައީސް މުއިއްޒު ވަނީ އަންގަވާފަ އެވެ.

ސިޔާސީ މަގާމްތަކުން 200އަށް ވުރެ ގިނަ މީހުން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ވަކިކުރި އެއްވެސް މީހަކު އެނގޭކަށް ނެތެވެ.

ވަކިކުރި މީހުންގެ ލިސްޓް ހޯދަން އެދުމުން އެއީ ޒާތީ މައުލޫމާތު ކަމަށް ބުނެ، އެ މައުލޫމާތު ނުދޭން ސަރުކާރުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ވެސް ވަނީ ވަކިކުރި މީހުންގެ ނަންތައް ހާމަކުރަން ސަރުކާރަށް އަންގާފަ އެވެ. އެކަމަކު އެ އެންގުމަށް ރައީސް މުއިއްޒު އަމަލެއް ނުކުރައްވަ އެވެ.

ރައީސް މުއިއްޒު މީގެކުރިން ވިދާޅުވެފައި ވަނީ މައުލޫމާތު ހޯދަން މި ސަރުކާރަށް އާރްޓީއައި ހުށަހަޅަން ނުޖެހޭހާ ވެސް ހާމަކަމާއެކު މި ސަރުކާރުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ބަހާއި އަމަލު ދިމަނުވާކަން ފާހަގަކޮށްލެވެ އެވެ.