އެސްޓީއޯއަށް ވުރެ ހެޔޮއަގުގައި ބާޒާރުމަތީ ފިހާރަތަކުން ފިޔާ ވިއްކަން ފަށައިފި އެވެ.

ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން މި ރޯދަމަހު ބާޒާރުގައި ފިޔާ ވިއްކާ އަގު ދަށް ކުރަން ކަމަށް ބުނެ ފިޔާ ސްޓޮކެއް ގެނެސް ވިއްކި އެވެ. އޭރު ފިޔާ ކިލޯއެއް ވިއްކީ 16ރ. އަށެވެ.

އެސްޓީއޯއިން ބުނީ ދުރާލައި ފިޔާ ބާޒާރަށް ނެރުނީ، ރޯދަމަހު ފިޔާ އަކީ އެންމެ ޑިމާންޑު ބޮޑު އެއް ބާވަތަށް ވާތީ އޭގެ އަގު ބާޒާރުގައި ކޮންޓްރޯލު ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެކަމަކު އެސްޓީއޯއިން މިހާރު ފިޔާ ކިލޯއެއް 14ރ. އަށް މިހާރު ވިއްކާއިރު ބާޒާރުމަތީ ފިހާރަތަކުން ފިޔާ ކިލޯއެއް ވިއްކަނީ 12ރ. އަށެވެ.

ބާޒާރުމަތީ ބައެއް ފިހާރަތަކުން ރީޓެއިލްކޮށް އިންޑިއާ އަދި ޕާކިސްތާނު ފިޔާ ކިލޯއެއް 10 ރުފިޔާއަށް ވެސް ލިބެން އެބަހުއްޓެވެ.

ސޯޝަލް މީޑިއާގައި މީހަކު ބުނެފައި ވަނީ ރައްޔިތުންގެ ކުންފުނި އެސްޓީއޯ އިން ފިޔާ ކިލޯއެއް 14ރ އަށް ވިއްކާއިރު ރައްޔިތުންގެ ފިހާރަތަކުން ފިޔާ ވިއްކަނީ ކިލޯއެއް ވިއްކަނީ 12ރ އަށް ކަމަށެވެ.

" އޭރުވެސް މިހާރުވެސް އަބަދުވެސް ރައްޔިތުންނަށް ހެޔޮ އެދޭނީ ހަމަ ރައްޔިތުން. ސަރުކާރުން ކަމެއް ކުރަންޏާ ދެންވެސް ބަލާނީ ރައްޔިތުން ފެލާލެވޭތޯ،" އެ މީހާ ބުނެފައިވެ އެވެ.