އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ރަޝިޔާއިން ޔުކްރެއިންއަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކުރުމަށް އެއްބަސްވެއްޖެ އެވެ.

ވައިޓް ހައުސްއިން ބުނެފައިވަނީ ރައީސް ޓްރަމްޕާއި ޒެލެންސްކީ ބުދަ ދުވަހު އެއް ގަޑިއިރުގެ ފޯން ކޯލެއް ކޮށްފައިވާ ކަމަށާއި އެ ކޯލަކީ ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ކޯލެއްކަމަށެވެ.

ޓްރަމްޕާއި ޒެލެންސްކީ އަލުން ވާހަކަ ދައްކަވާފައި މިވަނީ މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު ވައިޓް ހައުސްގައި ދެ ގައުމުގެ ވެރިން ބޭއްވެވި ބައްދަލުވުން ހޫނުވެ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައި ވަނިކޮށެވެ. އޭރު ޓްރަމްޕް ވިދާޅުވީ ޒެލެންސްކީ އެމެރިކާއިން ދޭ އެހީތެރިކަމަށް ޝުކުރުވެރި ނުވާކަމަށެވެ.

އެ ބައްދަލުވުަމަށް ފަހު އެމެރިކާއިން ވަނީ ޔުކުރެއިންއަށް ދެމުންދިޔަ ބައެއް އެހީތައްވެސް ވަގުތީގޮތުން މެދު ކަނޑާލާފަ އެވެ.

އެހެންކަމުން މިފަހަރުގެ ފޯނު ކޯލުގައި ޒެލެންސްކީ ވަނީ އެމެރިކާއިން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސައުދީ އަރަބިއާގައި ދެ ގައުމުގެ ޓެކްނިކަލް ޓީމްތަކުން ބައްދަލުކުރުމަށް އެއްބަސްވެވަޑައިގެންނެވި އެވެ.

ޒެލެންސްކީ ވަނީ ރަޝިޔާގެ ހަމަލާތަކުން ޔުކްރެއިން ރައްކާތެރިކުރުމަށް އިތުރު އެއަރ ޑިފެންސް އެހީތެރިކަމަށް ޓްރަމްޕްގެ އަރިހުން އެދިވަޑައިގެންފަ އެވެ. މިކަމަށް ޓްރަމްޕް ވިދާޅުވީ ޔޫރަޕުން ބޭނުންވާ އަސްކަރީ އާލާތްތައް ހޯދުމަށް އެހީތެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އަންގާރަ ދުވަހު ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިންއާއެކު ކުރެއްވި ފޯނު މަޝްވަރާއާ ބެހޭ މަޢުލޫމާތު ވެސް ޓްރަމްޕް، ޒެލެންސްކީއަށް ދެއްވި އެވެ. މި މަޝްވަރާގައި ޕުޓިން، ޓްރަމްޕް ހުށަހެޅުއްވި 30 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން ބަލައިނުގަތް ނަމަވެސް، ހަކަތައިގެ ވަސީލަތްތަކަށް ދޭ ހަމަލާތައް ވަގުތީގޮތުން ހުއްޓާލުމަށް އެއްބަސްވެވަޑައިގެންނެވި އެވެ.

ނަމަވެސް، ބުދަ ދުވަހު ރަޝިޔާއިން ބުނެފައިވަނީ ޔުކްރެއިނުން އެ ގައުމުގެ ދެކުނުގައިވާ ތެޔޮ ޑިޕޯއަކަށް ހަމަލާދިން ކަމަށެވެ. އަދި ޔުކްރެއިނުން ބުނެފައިވަނީ ރަޝިޔާއިން ހޮސްޕިޓަލްތަކާއި ގެތަކަށް ހަމަލާދީ، ބައެއް ދަތުރުފަތުރުގެ ވިއުގަތަކުގެ ކަރަންޓު ކަނޑާލި ކަމަށެވެ.