ނޮވެމްބަރު 3 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް އިނާޔަތް ދިނުމަށް ސަރުކާރުން ނިންމައި ގެޒެޓް ކުރުމުން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ސަރުކާރުން އިއްޔެ އާންމުކުރި އުސޫލުގައިވާ ގޮތުން ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ މީހާގެ އާއިލާ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި ކޮންމެ މީހަކަށް ދުނިޔޭގައި ހުރި ދުވަހަކު ކޮންމެ މަހަކު 9،000ރ - 6،000ރ ދެމެދުގެ އިނާޔަތެއް ދޭން ޖެހޭނެ އެވެ. އުސޫލުގައިވާ ގޮތުން ޝަހީދުވި މީހާގެ އާއިލާކަމުގައި ބަލާނީ މައިންބަފައިންނާއި، އުފަންދަރީންނާއި، ހުވަފަތްވި އަނބިމީހާ އެވެ.
މިކަމާއި ގުޅިގެން އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ތަފާތު ހިޔާލު ފާޅުކޮށްފައިވާއިރު، ގިނަ ބަޔަކު ފާހަގަކުރީ ރާއްޖެ މިވަގުތު އޮތް މާލީ ހާލަތަވެ. މިއީ މިކަން ކުރަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.
މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޭރު ޝަހީދުވި އާއިލާތަކަށް އެތައް އެހީތެރިކަމެއް ދެއްވާފައިވާ ކަންވެސް ބައެއް ފަރާތްތަކުން ފާހަގަކުރި އެވެ.
އެގޮތުން ރައީސް މައުމޫންގެ ވެރިކަމުގައި ޝަހީދުންގެ އާއިލާތަކަށް ވިލިމާލެއިން ގޯތި ދިނުމާއި، ދަރިންގެ ކިޔެވުމުގެ ޚަރަދާއި ޝަހީދުވިއިރު ހުންނެވި މަގާމުގެ މުސާރަ އާއިލާއަށް ކޮންމެ މަހަކު ދެއްވި އެވެ. މީގެ އިތުރުން ޝަހީދުވި އާންމުންގެ އާއިލާތަކަށް ވެސް އޭރުގެ ސަރުކާރުން ފައިސާގެ އެހީތެރިކަން ދެއްވިކަމަށް މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
މީހަކު ބުނެފައިވަނީ މިއީ ސިފައިން ވެރިކަމާ ދެކޮޅަށް ކޮށްފާނެ ބަޣާވާތަކުން ސަލާމަތް ވުމަށް ކަމަށާއި އަދި، މިދިޔަ އަހަރު ބަންގްލަދޭޝްގެ ވެރިކަން އާންމުން ނުކުމެ ބަދަލުކުރީ މިފަދައިން ސިފައިންނަށް ދިން ނުހައްގު ފައިދާތަކުގެ ސަބަބުން ކަމަށެވެ.
"އެ ދުވަހު ޝަހީދުވި ސިފައިންގެ ދަރިން މިހާރު ތިބީ 40 އަހަރު ނޫނީ އެޔަށްވުރެ ދުވަސްވެފަ. ހުވަފެތްވި އަނބިން މީހުންނާ އިނދެފަ. މައިންބަފައިންނަށް އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ލިބޭ" އިތުރު މީހަކު ލިޔެފައިވެ އެވެ.
ނޮވެމްބަރު، 3 ގެ އުދުވާނީ ހަމަލާގައި ސިފައިންނާއި އާންމުން ހިމެނޭހެން 19 ދިވެހިން ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން ޝަހީދުވި ސިފައިންގެ އާއިލާތަކަށް ސަރުކާރުން ކުޑަ އިނާޔަތެއް ދެމުންދިޔަ އެވެ. އެ އިނާޔަތް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ.
ޝަހީދުންގެ އާއިލާތަކަށް ރަސްމީ ކަންކަމުގެ ދައުވަތު ދެއްވުން ފަދަ އިނާޔަތްތައް ރަނގަޅު، އަދި އެއިން އާއިލާއެއްގެ (ފާހަގަކޮށްފައި އެވާ) މީހަކު ޚާއްސަ އެހީއަކަށް އެދިއްޖެ ނަމަ، އިސްކަމެއް ދެއްވުން ފަދަ ކަންކަން ކުރެއްވިދާނެ. އެކަމަކު މަހުން މަހަށް އިނާޔަތް ދިނުމަކީ ދައުލަތުގެ މާލީ ހާލަތާއި ރާއްޖޭގައި ތިބި ނިކަމެތީން ހާލަތަށް ބަލާއިރު އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން. މިއީ ހަމައެކަނި ސިޔާސީ މަންފާއަކަށް ކުރައްވާ ކަމެއް. ދައުލަތުގެ މުޅި ނިޒާމު މިދަނީ ފުންމިން. މާތް ކަލާކޯ.
ރިޕްލައި