ލަންޑަނުގެ ހީތުރޯ އެއާޕޯޓަށް ކަރަންޓު ފޯރުކޮށްދޭ ކައިރީގައިވާ ކަރަންޓު ސަބްސްޓޭޝަނެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މުޅި ދުވަހަށް އެއާޕޯޓު ބަންދުކޮށްފި އެވެ.

ޔޫރަޕްގެ އެންމެ ބިޒީ އެއާޕޯޓު ކަމުގައިވާ ހީތުރޯ އިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެދާނެ ކަމަށާއި އެއާޕޯޓު އަލުން ހުޅުވެންދެން އެއްވެސް ހާލެއްގައި ދަތުރު ކުރެވެން ނެތްކަމަށް ފަސިންޖަރުންނަށް އަންގާފަ އެވެ.

ފްލައިޓް ޓްރެކިން ވެބްސައިޓް ފްލައިޓް ރަޑާ24 އިން ބުނާ ގޮތުގައި މިއަދު އެ އެއާޕޯޓަށް އަދި އެއާޕޯޓުން ފުރާ މަދުވެގެން 1،351 ފްލައިޓް ވަނީ ކެންސަލްކުރަން ޖެހިފަ އެވެ.

މީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ ފްލައިޓްތަކުގެ ޝެޑިއުލްތަކަށް ބަދަލު އައިސް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

ސްޕެއިންގެ އެއާޕޯޓު އޮޕަރޭޓަރު އެއެނާ އިން ބުނެފައިވާ ގޮތުގައި، ހުކުރު ދުވަހު ހީތުރޯއަށް ދިމާވި ކަރަންޓު ކެނޑުމުގެ މައްސަލައާއެކު އެ ކުންފުނީގެ ޓާމިނަލްތަކަށް އަދި އެތަންތަނުން ފުރާ 54 ފްލައިޓަށް އަސަރުކޮށްފައިވެ އެވެ. އަދި މިހާތަނަށް އޭގެ ތެރެއިން 20 ފްލައިޓް ވަނީ ކެންސަލްކޮށްފަ އެވެ.

އެ އެއާޕޯޓް ކައިރީގައި ހުރި ސަބްސްޓޭޝަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 4،900 އަށްވުރެ ގިނަ ގެއިން ކަރަންޓު ކެނޑި، އަދި ވަށައިގެންވާ ސަރަހައްދުތަކުން 150 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. އަދި އަލިފާން ރޯވި ސަބަބު އަދި ނޭނގެ އެވެ.