މެންހަޓަން ފިޝް މާކެޓްގެ ދޮރުން މަލަކާ ވަނުމާއެކު ވެއިޓަރެއް އައިސް ގާތަށް ހުއްޓުނެވެ.

"މިކޮޅަށް ވަޑައިގަންނަވާ" އަދަބު ވެރިކަމާ އެކު ވެއިޓަރު ބުންޏެވެ.

މިއީ މި ރެސްޓޯރެންޓަށް މަލަކާ އައި ފުރަތަމަ ފަހަރެވެ. ތައާރަފަކާ ނުލާ މަލަކާއަކީ ކާކު ކަމާ، ދާންވީ ކޮން ތަނަކަށް ކަން ވެއިޓަރަށް އެނގުނީތީ މަލަކާ ހައިރާނެއް ނުވެ އެވެ.

ވެއިޓަރުގެ ފަހަތުން ގޮސް ހުޅުވާލި ދޮރެއްގެ ތެރެއިން ކޮޓަރިއަކަށް މަލަކާ ވަނެވެ. އެއީ އެ ރެސްޓޯރެންޓަށް ޒިޔާރަތްކުރާ ޚާއްސަ މެހެމާނުންނަށް ހުންނަ ބައެކެވެ. ޚާއްސަ މެހްމާނުން އެތަނަށް ޒިޔާރަތްކުރާނީ މުޅި ކޮޓަރި އެއްކޮށް ބުކް ކޮށްގެންނެވެ.

ވެއިޓަރުގެ ފަހަތުން ގޮސް މަލަކާއަށް ޚާއްސަކޮށްފައި ހުރި މޭޒު ދެއްކުމުން މަލަކާ އިށީނދެއްޖެ އެވެ. ވެއިޓަރު ސުވާލުކުރީ އިންތިޒާރުކުރާ އިރު އެއްވެސް ބުއިމެއް އެއްޗެއް ބޭނުންތޯ އެވެ. ޖަވާބުގައި މަލަކާ ބުނީ ކަޅު ކޮފީއެއް ރަނގަޅުވާނެ ކަމަށެވެ. ގޮނޑީގައި ހަމަޖެހިލާފައި ކުޑަދޮރާ ދިމާޔަށް ބަލާލިއިރު ދުރުން އާ ސަހަރާގެ މަލަމަތި ފެންނަން އޮތެވެ. މަލަކާގެ ހިތަށް ވެރިވީ ފުން ހިތާމައެކެވެ. ހަނދާނަށް އައީ ކުއްލި ގޮތަކަށް ނިޔާވި ބައްޕަގެ މަރުގެ މަތިންނެވެ. އެ ހިތާމަވެރި ހާދިސާ ހިނގީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

މަލަކާގެ ބައްޕައަކީ ރަނގަޅު ވިޔަފާރިއެއް ކުރަމުން އައި މީހެކެވެ. މަޖީދީމަގުގައި ހެދުން ވިއްކާ ދެ ފިހާރަ ހިންގި އެވެ. އެ ވިޔަފާރީގައި އެންމެ ބޮޑު އެހީތެރިއަކަށް ހުރީ މަލަކާގެ ބޭބެ އެވެ. ބޭބެއަކީ ސަރުކާރުގެ ވަޒީފާއެއް އަދާކުރާ މީހަކަށްވުމުން ވިޔަފާރީގެ ކަންކަމުގައި އުޅެނީ ދެވަނަ މަސައްކަތެއްގެ ގޮތުގަ އެވެ. ހިންގުމުގެ ހުރިހާ ކަމެއްގައި ވެސް އެންމެ އިސް ރޯލެއް އަދާކުރަމުން ގެންދިޔައީ މަލަކާގެ ބައްޕަ އެވެ. ބައްޕަގެ ކުއްލި މަރާއެކު ވިޔަފާރީގެ ތެރެއަށް ބޭބެއަށް ރަނގަޅަށް ވަދެ ނުގަނެވިގެން އުޅެނިކޮށް ވިޔަފާރި އަޑިއަޅާލައި ކުންފުނި ބަނގުރޫޓުވީ އެވެ. އެއީ މަލަކާމެންގެ ކުޑަކުޑަ އާއިލާއަށް ކުރިމަތިވި ބޮޑު ފުން ހިތާމައެކެވެ.

ފިނިވަމުން ދިޔަ ކޮފީ ތަށިން ކޮފީ ފޮދެއް ބޯލުމަށްފަހު މޭޒުމަތީގައި އޮތް ފޯނަށް މަލަކާ ބަލާލީ ސްކްރީނުގައި ދިއްލިފައި އޮތް މެސެޖެއް ފެނިގެންނެވެ.

"އަންނަން އުޅެނިކޮށް ކުއްލި ބައްދަލުވުމަކަށް ރައީސް ގޮވައިލެއްވީމަ ކުޑަކޮށް ލަސްވަނީ------- ދެން މާގިނަ އިރެއް ނުވާނެ."

އެއީ އާމިރުގެ މެސެޖެކެވެ. މީގެ ހަފުތާއެއްގެ ކުރިން މަލަކާގެ ކައިވެނި ކޯޓުގައި ރޫޅާލި ދުވަހުން ފެށިގެން މަލަކާ އާ ބައްދަލު ކުރުމަށް އާމިރު އައީ އެދެމުންނެވެ. މަލަކާ އައީ އެ އެދުމަށް ބަހަނާ ދައްކަމުންނެވެ. މިރޭގެ ބައްދަލުވުމަށް މަލަކާއަށް ދައްކާނެ އިތުރު ބަހަނާއެއް ނެތް ހިސާބަށް ކަންތައް ދިޔައީ އެވެ.

"ސޮރީ ކުޑަކޮށް ލަސްވީ،" ދޮރުން ވަދެގެން އަންނަމުން އާމިރު ބުންޏެވެ. ހުދު ކުލައިގެ އަތްދިގު ގަމީހާއި ކަޅު ކުލައިގެ ފަޓުލޫނުގައި އާމިރު ހުރުމުން ސީދާ އޮފީހުން ރެސްޓޯރެންޓަށް އައިކަން ދޭހަވެ އެވެ.

ކޮބާ މެނޫ ބަލައިފިންތަ؟" ގޮނޑީގައި ހަމަ ޖެހިލަމުން އާމިރު ބުންޏެވެ.

"މެނޫއެއް ނުބަލަން. ކީއްވެ ތިހާ ލަސްވީ؟" މަލަކާގެ ބޭނުމަކީ އެތައް އުނދަގުލަކުން ހަމަޖެއްސި ބައްދަލުވުމަކަށް އާމިރު ފަރުވާކުޑަ ކުރިކަން ހާމަ ކޮށްދިނުމެވެ.

"ބުނީމެއްނު. ކުއްލިއަކަށް ރައީސް ބައްދަލު ކުރައްވަން ބޭނުންވެ ވަޑައިގެންނެވީއޭ،" އެއީ މަލަކާއަށް މުހިންމު ކަމެއް ނޫނެވެ. އެހެން ކަމުން މަލަކާ ވަކި އެއްޗެކޭ ނުބުނެ އެވެ. "އަސްލު އެއީ މިރޭގެ މި ބައްދަލުވުމާވެސް ގުޅުން ހުރި ކަމެއް." އާމިރު އެ ދައްކަނީ ކޮން ވާހަކައެއްކަން ސީދާ ނޭނގުނު ކަމުގައި ވިޔަސް އެއީ މަލަކާގެ ވަޒީފާއާ ގުޅުން ހުރި ކަމެއް ކަމުގައި ވިސްނުނެވެ.

"ކޮބާ އެއްޗެއް ޑިސައިޑް ކޮށްލަން ވީނު،" މެނޫއަށް ބަލަމުން އާމިރު ބުންޏެވެ.

މެނޫ އާ ދޭތެރޭ މަލަކާގެ މާބޮޑު ޝައުގެއް ނެތެވެ. ބޭނުންވަނީ ދައްކަން އޮތް ވާހަކަ އަވަހަށް ނިންމާލާށެވެ.

"ކޮބާ އޮފީހަށް ނިކުންނަނީ ކޮން ދުވަހަކު،" އާމިރު ދުރުދުރު ދުރުން ވާހަކަ ފެށި އެވެ. މަލަކާ ހުރީ އެއްމަސްދުވަހުގެ ޗުއްޓީގައި ކަން އާމިރަށް އެނގޭނެ އެވެ. އެއީ މަލަކާ ބުނެގެނެއް ނޫނެވެ. އެހެނަސް މަލަކާ ބޭނުންނުވެ ޗުއްޓީ ނަގަން ޖެހުނުގޮތަށް އެކަމާ ބެހޭ ހުރިހާ މައުލޫމާތެއް އާމިރަށް އެނގޭނެކަން މަލަކާއަށް ޔަގީނެވެ. އެހެން ކަމުން އެ ސުވާލަށް ވަކި ޖަވާބެއް ނުދީ ހުރީ އެވެ.

މަލަކާގެ ކައިވެނި ރޫޅުނު ހިސާބުން ފެށިގެން މަލަކާއާ މެދު އާމިރުގެ ޝައުގުވެރިކަން ސީދާ ފާޅުކުރި އެވެ. ރަސްމީކޮށް ލޯބި ހުށަހެޅި އެވެ. އާމިރުގެ ބައިވެރިއަކަށްވުމަށް ދައުވަތު ދިނެވެ. އެ ހުށަހެޅުމަށް އެއްވެސް ފަސްޖެހުމެއް ނެތި މަލަކާ ނޫނެކޭ ބުންޏެވެ. އެހެން ނަމަވެސް އާމިރު ބާއްވަމުން އައި ގުޅުމަކަށް ބަދަލެއް ނުގެނެ އެވެ. ހުށަހަޅަމުން ގެންދިޔަ ހުށަހެޅުމަކަށް ތަފާތެއް ނާދެ އެވެ. އާމިރުގެ ހުށަހެޅުންތަކަށް ބަދަލެއް ނައިސް ކުރިޔަށްދިޔަ ކަމުގައި ވިޔަސް މިރޭގެ ބައްދަލުވުމަކީ ވަޒީފާއާ ބެހޭ މުހިންމު ވާހަކައެއް ދެއްކުމަށް ކަމަށް ބުނެ ހަމަޖެއްސި ބައްދަލުވުމެކެވެ.

"ލާމުގެ އެއްބަސްވުމުގެ ފައިލު އެބައޮތް ދޯ،" އޯޑަރު ނަގަން އައި ވެއިޓަރު ދިއުމުން އާމިރު މަލަކާގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ

"އެ ލިޔެކިޔުންތައް ހުންނާނީ އޮފީހުގައެއްނު." އެ ދައްކަނީ ކޮން ފައިލެއްގެ ވާހަކަކަމާއި ހޯދަން ބޭނުން ވަނީ ކޮން އެއްޗެއް ކަން އެނގުނު ނަމަވެސް އެކަން އެނގޭ ކަމަށް ހަދާކަށް މަލަކާ ބޭނުމެއް ނުވި އެވެ. "އެ މުއާމަލާތާ ބެހޭ ކަންކަމުން އަހަންނަކަށް ނާންގާ" މަލަކާ ބުނީ ރަސްމީ ގޮތުން އެކަން އޮތް ގޮތެވެ.

"ތިކަން ވެސް އެނގޭ. އެކަމަކު ރައީސް ބޭނުންވެ ވަޑައިގަންނަވާ ތަފުސީލު މައުލޫމާތު މިހާރު މިނިސްޓްރީއަކު ނެތް. އެކަން ވަރަށް ރަނގަޅަށް ބަލައިފިން،" އާމިރުގެ ވާހަކައިގައި ހުރީ ސީރިއަސް ކަމެވެ. "ރައީސް ބޭނުންފުޅު ވަނީ މަލަކާގެ އަތުގައި ހުރި ހުރިހާ މައުލޫމާތެއް ހޯދަން. މިކަމުގައި މަލަކާގެ އެއްބާރުލުން އަހަންނަށް ވަރަށް ބޭނުން."

އާމިރުގެ ވާހަކައަކީ ވިސްނާލަން ޖެހޭ ވަރުގެ ސީރިއަސް ވާހަކައެކެވެ. ޖަވާބު ދެވޭގޮތަކުން ކޮންމެ ފަދަ ނަތީޖާއަކާ ކުރިމަތިވެދާނެ ކަމެއް ކަން މަލަކާއަށް އެނގެ އެވެ. (ނުނިމޭ)