ޣައްޒާގައި ކެންސަރަށް ހާއްސަކޮށް މިހާރު ހުރި ހަމައެކަނި ހޮސްޕިޓަލަށް އިޒްރޭލުން ހަމަލާދީ ސުންނާފަތި ކޮށްލައިފި އެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން ތުރުކީ-ފަލަސްތީން ފްރެޑްޝިޕް ހޮސްޕިޓަލަށް ހަމަލާދީފައިވާ ކަމަށާއި އެއީ އިޒްރޭލުން ކުރި ވިޔާނުދާ އަމަލެއް ކަމަށް އެ ހޮސްޕިޓަލުން ވަނީ ސިފަކޮށްފަ އެވެ.

އަންގާރަ ދުވަހު އިޒްރޭލުން ޣައްޒާގެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ވެފައިވާ އެބަސްވުމާ ހިލާފަށް ދޭންފެށި ހަމަލާތަކުގައި މިހާތަނަށް 600އާ ގާތްކުރާ އަދަދަކަށް ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި މަދުވެގެން 200 ކުދިންނާއި 110 އަންހެނުން ޝަހީދުވެފައިވާ ކަމަށް އދ.ގެ އިންސާނީ ހައްގުތަކުގެ އޮފީހުން ވަނީ ބުނެފަ އެވެ.

ޣައްޒާއަށް އިޒްރޭލުން ދޭ ހަމަލާތައް ރޭގަނޑުވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. މީގެ ތެރޭގައި ޣައްޒާ ސިޓީގައި ހުރި ގެއަކަށް ދިން ބޮމުގެ ހަމަލާއެއްގައި 5 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެފައިވެ އެވެ.

ރޮއިޓަރސް ނިއުސް އޭޖެންސީން ރިޕޯޓުކުރާ ގޮތުގައި، އިޒްރޭލުން ހަމަލާތައް ކުރިއަށް ގެންދިޔަ ނަމަވެސް، ހަމާސްއިން އެމެރިކާއިން ހުށަހަޅާފައިވާ ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް "ބްރިޖް" ހުށަހެޅުން ދިރާސާކުރަމުންދާ ކަމަށް އެ ޖަމާއަތުގެ ނަން ހާމަނުކުރާ އިސްވެރިއަކު ބުނެފައިވެ އެވެ.

ޖަރުމަނުވިލާތާއި، ފަރަންސޭސޭސިވިލާތާއި، އިނގިރޭސިވިލާތުން ވަނީ އެކުގައި ބަޔާނެއް ނެރެ، ވަގުތުން ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށާއި އިޒްރޭލުން ހުއްޓުވާފައިވާ އެ ސަރަހައްދަށް އިންސާނީ އެހީ ވައްދަން ހުއްދަދިނުމަށް ގޮވާލާފަ އެވެ.

ޣައްޒާގެ ސިއްހީ މިނިސްޓްރީން ބުނާ ގޮތުގައި އިސްރާއީލުން އޮކްޓޫބަރު 2023 އިން ފެށިގެން ޣައްޒާގައި ކުރާ ހަނގުރާމައިގައި މަދުވެގެން 49,617 މީހުން ޝަހީދުވެ، 112,950 މީހުން ޒަޚަމްވެފައިވާކަން ކަށަވަރުވެފައިވެ އެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ޝަހީދުވި މީހުންގެ އެ އަދަދު 61,700 އަށްވުރެ ގިނަ ކަމަށް ބުނެފައިވެ އެވެ.