މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ލީގުގައި ޕާކިސްތާނާއި ނިއުޒިލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން މަޣްރިބް ނަމާދު ވަގުތު ޖެހުމުން ކުޅުންތެރިން ރޯދަ ވީއްލަން މެޗު މެދުކަނޑާލައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ކުރިއަށް ދިޔަ އެ މެޗު ކުޅުނު ސްޓޭޑިއަމްއަށް ބަންގީގެ އަޑު އިވުމާއެކު އަމްޕަޔާ ވަނީ ކުޑަ ވަގުތު ކޮޅަކަށް މެޗު މެދުކަނޑާލައި ޕާކިސްތާނުގެ ކުޅުންތެރިންނަށް ރޯދަ ވީއްލުމުގެ ފުރުސަތު ދީފަ އެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުގައި ޕާކިސްތާނުގެ ކުޅުންތެރިން ފީލްޑުގެ އެއް ފަރާތެއްގައި ތިބެ ރޯދަ ވީއްލާ މަންޒަރު ފެނެ އެވެ.
މެޗު މެދުކަނޑާލާފައިވަނީ ނިއުޒިލޭންޑްގެ އިނިންގްސްގެ ފަސްވަނަ އޯވަރުގަ އެވެ. އިދިކޮޅު ޓީމަށް އެ ފުރުސަތު ދިނީތީ ނިއުޒިލެންޑްގެ ޓީމަށް ވެސް ގިނަ ބަޔަކު ތައުރީފް ކުރި އެވެ.
އެގޮތުން މެޗުގެ ވާދަވެރިކަމާއެކު ވެސް ކުޅުންތެރިންގެ މެދުގައި އޮތް އިންސާނިއްޔަތުކަމާއި އެއްބައިވަންތަކަން ގިނަ ބަޔަކު ފާހަގަކުރި އެވެ.
ކުޅުންތެރިން ރޯދަ ވީއްލުމަށްފަހު އަލުން ފެށި އެ މެޗު ނިމިގެންދިޔައީ ނުވަ ވިކެޓުން ޕާކިސްތާނުގެ ގައުމީ ޓީމް މެޗު ކާމިޔާބު ކޮށްގެންނެވެ.