އިޒްރޭލުން ޣައްޒާގެ ދެކުނުގެ ހާން ޔޫނިސްއަށް ދިން ވައިގެ ހަމަލާއެއްގައި ހަމާސްގެ ސިޔާސީ ލީޑަރު ސަލާހު އަލް ބަރްދާވީލް ޝަހީދުކޮށްލައިފި އެވެ.
މިކަން ކުށްވެރިކޮށް ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނީ ވައިގެ ހަމަލާގައި ބަރްދާވީލްގެ އިތުރުން އޭނާގެ އަންހެނުން ވެސް ޝަހީދުކޮށްލާފައިވާ ކަމަށެވެ. އެ މީހުން ޝަހީދުކޮށްލާފައި ވަނީ ނަމާދަށް ތިއްބާ ކަމަށްވެސް ހަމާސްއިން ބުންޏެވެ.
ކުރީގައި ހަމާސްގެ ސްޕޯކްސްޕަރސަނެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބަރްދާވީލް އަކީ މީޑިއާއިން ފެނިވަޑައިގަންނަވާ ބޭފުޅުކެވެ.
މިކަމާއި ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާއިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
19 ޖެނުއަރީން ފެށިގެން ގާތްގަނޑަކަށް 2 މަސް ދުވަހަށް ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަށް އަމަލުކުރުމަށްފަހު، ފުރަތަމަ ފިޔަވަހި އިތުރުކުރުމަށް ހަމާސްއިން އިންކާރުކުރި ކަމަށް ބުނެ، އަންގާރަ ދުވަހު އިޒްރޭލުގެ ސިފައިން ޣައްޒާއަށް އަމާޒުކޮށް ހަމަލާތައް އަލުން ވަނީ ފަށާފަ އެވެ.
7 އޮކްޓޯބަރ 2023 އިން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 49،500 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، މުޅި ޣައްޒާވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްފަ އެވެ. ޣައްޒާގެ ގެތަކާއި އަސާސީ ވަސީލަތްތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ދީ މިހާރުވެސް އިޒްރޭލުން ދަނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް އަޅަމުންނެވެ.