ދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ އުއްދޫ ބަލަހައްޓަން ރައީސް ޑރ. މުހައްމަދު މުއިއްޒު ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކުރައްވައިފި އެވެ.

ދ. މީދޫ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ރައީސް މުއިއްޒު ކަނޑައެޅުއްވި އުއްދޫ ބެލެހެއްޓުމަށް ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި އައްޔަންކުރެއްވީ ދ. މީދޫ، އާދަމް ނަސީރެވެ. ޑެޕިއުޓީ މިނިސްޓަރުންނަށް 35،000 ރުފިޔާގެ މުސާރައެއް ލިބެ އެވެ.

އާދަމް ނަސީރު އައްޔަންކުރީ ލޯކަލް ގަވަރުމެންޓް މިނިސްޓަރު އާދަމް ޝަރީފްގެ ނައިބެއްގެ ގޮތުގަ އެވެ.

ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ އެ ރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް މިދިޔަ ފެބްރުއަރީ މަހު ދ. މީދުއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ އިއުލާންކުރައްވާފަ އެވެ.

ސަން ސިޔާމް ވަނީ އެ ރަށުގައި ބޮޑު އިންވެސްޓްމަންޓެއް ފަށައިފަ އެވެ. އެހެންކަމުން މި ނިންމުމުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ބެލެވެ އެވެ.