ކުރިއަށް މިދާ ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ވެސް މައްކާގެ މަސްޖިދުލް ހަރަމްގައި 200،000 އަށްވުރެ އިފްތާރު ޕެކޭޖުތައް ބަހަމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.

ސައޫދީ ގެޒެޓުގައި އާއްމު ކޮށްފައިވާ ގޮތުގައި ހަރަމްފުޅުގައި އިރުއޮއްސޭ ވަގުތު އުޅޭ މުސްލިމުންނަށް ރޯދަ ވީއްލުމުގެ އިންތިޒާމުތައް ހަމަޖައްސައިދީފައިވަނީ ދެ ހަރަމްގެ ކަންކަމާ ބެހޭ އިދާރާއިންނެވެ.

އެގޮތުން 50 ކިލޯމީޓަރުގެ ދިގު ސަރަހައްދެއްގައި ރޯދަ ވީއްލުން ތައްޔާރު ކުރެވޭއިރު ރޯދަ ވީއްލުމަށްފަހު ފަސް މިނެޓު ތެރޭގައި މުޅި ސަރަހައްދު އެއްކޮށް ސާފުކުރެވޭ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

މި މަސައްކަތުގައި ހަރަމްފުޅުގެ 3000 މުވައްޒަފުންނާއި 1000 ވޮލަންޓިއަރުންނާއެކު ޖުމްލަ 4000 އެއްހާ މީހުން ބައިވެރިވާ ކަން އެނގިފައިވެ އެވެ.

ސައޫދީ ގެޒެޓުން އިތުރަށް ބުނެފައިވަނީ ރޯދަ ވީއްލުމުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިފައިވަނީ އާއްމު ސިއްހީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށެވެ.

މިއަހަރުގެ ރަމަޟާން މަހު ވެސް އުމްރާ ވުމަށްޓަކައި މައްކާގެ ހަރަމްފުޅަށް އެތައް މިލިއަން މުސްލިމުންނެއް ގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.