ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ޖުމްލަ 150،000 މީހުން ހަރަމްފުޅުގައި ގާއިމު ކޮށްފައިވާ ބޯ ކޮށައިދިނުމުގެ ހިދުމަތް ހޯދާފައިވާ ކަމަށް ދެ ހަރަމްއާ ބެހޭ އިދާރާ "ހަރަމައިން"އިން ހާމަކޮށްފި އެވެ.
މަސްޖިދުލް ހަރަމްގެ ރަސްމީ އެކްސް އެކައުންޓް "ހަރަމައިންއިންފޯ"ގައި ބުނެފައިވަނީ ބޯ ކޮށައިދިނުމުގެ ހިދުމަތުގައި 12 އުޅަނދާއި 112 މުވައްޒަފުން ހަރަކާތްތެރިވާ ކަމަށެވެ.
އެއާއެކު ހިދުމަތްދޭ ސަރަހައްދުތަކަކީ ކޮންމެ ދުވަހަކު ވެސް ހަތް ފަހަރު ސާފުކޮށް ސެނިޓައިޒް ކުރެވޭ ސަރަހައްދުތަކެއް ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
މި ހިދުމަތަކީ ރަމަޟާން މަހު އުމްރާގެ އަޅުކަން އަދާކުރާ އުމްރާވެރިންގެ އިހްރާމް ކެނޑުމަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެމަހުގެ ފުރަތަމަ ދުވަހު ތައާރަފްކުރި ހިދުމަތެކެވެ.
މި ހިދުމަތުގެ ދަށުން ހަރަމްފުޅުގެ މަރްވާ ސަރަހައްދުގައި އަންހެނުންނާއި ފިރިހެނުންނަށް ވެސް ބޯ ކޮށުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސައިދެވިފަ އެވެ.
އެއާއެކު ކުރިއަށް މިދާ ފަހު ދިހައިގެ ދުވަސްތަކުގައި އެ ހިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށް އެކަމަށް ތައްޔާރުވެފައިވާ ކަމަށް ވެސް ހަރަމައިން އިން ބުނެ އެވެ.