ޑިޕްރެޝަންއަކީ މިއަދުގެ މުޖުތަމައުގައި އެންމެ އާއްމު ބަލިމަޑުކަމެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާއެކު ޑިޕްރެޝަންގެ ފުން ވަޅުގަނޑަށް ނުވެއްޓި ސަލާމަތްވަނީ މަދު ބައެކެވެ. ވެއްޓިއްޖެނަމަ އެ ވަޅުގަނޑުން އަރައިގަންނަން ވެސް ކުރަން ޖެހެނީ ދިގު ދަތުރެކެވެ.

އެސްކިއު (އަސްލު ނަމެއް ނޫން)އަކީ ވެސް ދިރިއުޅުމުގައި އެތައް ކަމަކާ ކުރިމަތިލައި ޑިޕްރެޝަން ތަހައްމަލުކުރި އަޚެކެވެ. އެ ފުން ވަޅުގަނޑުން އޭނާ ސަލާމަތް ކޮށްދިނީ ކީރިތި ގުރުއާނާއި އިސްލާމްދީނުގެ ހިދާޔަތް ކަމުގައި އެސްކިއު ބުނެ އެވެ.

ޕާކިސްތާނަށް ނިސްބަތްވާ އެސްކިއުގެ ޅަފަތުގެ ހަނދާންތައް އޭނާ ސިފަކުރަނީ ހިތި ހަނދާންތަކެއްގެ ގޮތުގަ އެވެ. އަނިޔާވެރި ބައްޕައެއްގެ ކިބައިން ސަލާމަތްވާން އެ އާއިލާ ގޮވައިގެން އޭނާގެ މަންމަ ހިޖުރަކުރީ އެމެރިކާ އަށެވެ.

މުސްލިމް އާއިލާއަކަށް ނިސްބަތްވި ނަމަވެސް އޭނާ ގަބޫލުކުރީ އިސްލާމުންނަކީ ޓެރަރިސްޓުންގެ ގޮތުގަ އެވެ. އެހެން ކަމުން އެ ދީނުގެ އެއްވެސް ކަމަކާ ގުޅުން ބާއްވަން އޭރު އޭނާ ބޭނުމެއް ނުވި އެވެ.

އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރުމަށްފަހު އެސްކިއުގެ ދިރިއުޅުން ދިޔައީ ގޯހުން ގޯހަށެވެ. ޑްރަގާއި ރަލުގެ ވަބާގައި ޖެހުނެވެ. އަންހެނެއްގެ އަވައިގައި ޖެހި ޑިޕްރެޝަންއަށް ވެއްޓޭކަށް ގިނަ ދުވަހެއް ނުވި އެވެ.

އޭނާގެ ހާލަތު ސިފަކޮށްދެމުން އެސްކިއު ބުނީ އެމެރިކާގެ ކާރުބާރު ބޮޑު ހައިވޭއެއްގައި ބާރު ސްޕީޑްގައި އެއްދުވަހަކު އޭނާގެ ވެހިކަލް ދުއްވާފައި ދިޔައީ ދުނިޔޭގެ ދިރިއުޅުން މަތިން ފޫހިވެ އަމިއްލައަށް މަރުވުމުގެ ބޭނުމުގަ އެވެ.

އެހެން ނަމަވެސް އެ ކަމުން އޭނާ ސަލާމަތްވީ އެކަމުގެ ފަހަތުގައި މާތް ﷲގެ ތަދުބީރެއް އޮވެގެން ކަން މިއަދު އޭނާއަށް ވިސްނޭ ކަމަށް އެސްކިއު ބުންޏެވެ.

https://www.youtube.com/watch?v=9M-T0pFPPr4

މިހާ ހިސާބަށް ކަންތައް ދިއުމުން ލޮލުން އައި ކަރުނައާއެކު ތެދު މަގު ދައްކަވައި ދެއްވުމަށް ބޭއިހުތިޔާރުގައި އޭނާއަށް ދުއާ ކުރެވުނެވެ.

އެއަށްފަހު ރަމަޟާން މަހެއްގައި އޭނާ މަންމައާއެކު ޕާކިސްތާނަށް ދަތުރެއް ކުރި އެވެ. އަހަރުތަކަކަށްފަހު ނަމާދެއް އޭނާކުރީ އެ ދަތުރުގަ އެވެ. ކީރިތި ގުރުއާނުގެ ތަރުޖަމާ ކިޔަވަން ފެށީ އެ ދަތުރުގަ އެވެ.

އިސާހިތަކު ކީރިތި ގުރުއާނަކީ އޭނާ ވަށާލި ޑިޕްރެޝަންގެ ހިޔާލުތަކުން ދުރުކޮށްދޭ ފޮތަކަށްވި އެވެ. އެ ފޮތާ ދުރުވެއްޖެނަމަ ޑިޕްރެޝަން އަލުން ވަށާލަ އެވެ.

އެހެން ކަމުން އެ ފޮތުގައި ބުނެދޭން ނޭނގޭ ކަހަލަ ބާރެއް ވާކަން ވިސްނި އިސްލާމްދީނުގެ މަގަށް އޭޭނާ އަލުން އައެވެ. ގަވާއިދުން ނަމާދު ކުރުމާއި ގުރުއާން ކިޔެވުމުގައި އޭނާގެ ވަގުތުތައް ހޭދަކުރި އެވެ.

ޕާކިސްތާނުގައި ދޮޅުމަހެއްހާ ދުވަސް މަޑުކުރުމަށްފަހު އެނބުރި އެމެރިކާއަށް އޭނާ އައީ ކުރީގެ ދިރިއުޅުމަށް އެނބުރި ދާން ހިތް ނޭދޭ ހާލުގަ އެވެ.

ކުރީގެ ދިރިއުޅުމުން މުޅިން ދުރަށް ގޮސް އާ ފެށުމަކުން ފަށަން އޭނާއަށް ލަފާދިނީ މިސްކިތެއްގެ އިމާމެކެވެ. އެ ނަސޭހަތުގައި އޭނާ ހިފަންވެސް ހިފި އެވެ.

މިއަދު އެސްކިއުއަކީ ސޯޝަލް މީިޑިއާ މެދުވެރިކޮށް އިސްލާމް ދީން ފަތުރައި އިސްލާމް ދީނުގެ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްކުރާ ފަރާތެކެވެ.