ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގަންނަން ހުށަހަޅާފައިވާ ބްލެކްސްޓޯން ކުންފުންޏަށް 200 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ޖަރުމަނުގެ ޑޮއިޝޭ ބޭންކުން ޝައުގުވެރިވެއްޖެ އެވެ.

ދުނިޔޭގެ ބޮޑެތި ޕްރައިވެޓް އިކުއިޓީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ ބްލެކްސްޓޯން އިން ޓީއެމްއޭގެ ހިއްސާ ފުރަތަމަ ގަތީ މޯލްޑިވިއަން އެއާ ޓެކްސީ އާ އެއްކޮށްލުމަށްފަހު 2013 ވަނަ އަހަރު އެވެ. އެ ފަހަރު އެ މުއާމަލާތަށް ބޭނުންވި ގާތްގަނޑަކަށް 98 މިލިއަން ޑޮލަރުގެ ލޯން ހަމަޖައްސައިދިނީ ޑޮއިޝޭ ބޭންކުންނެވެ.

ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ ޑޮއިޝޭ އިން އަންނަނީ ދިހަ ޕަސެންޓް ނުވަތަ އެއަށްވުރެ ކުޑަ އިންޓްރެސްޓެއްގައި އެ ލޯނު ދިނުމަށް ބްލެކްސްޓޯން އާއެކު މަޝްވަރާ ކުރަމުންނެވެ.

ބްލެކްސްޓޯން އިން ޓީއެމްއޭ ގަންނަން މިފަހަރު ހުށަހަޅާފައި ވަނީ 500 މިލިއަން ޑޮލަރަށް ވުރެ ކުޑަ އަގެއް ކަމަށްވެ އެވެ.

ބްލެކްސްޓޯން އިން ފުރަތަމަ ޓީއެމްއޭ ގަނެ، ފަހުން 2017 ގައި 500 މިލިއަން ޑޮލަރަށް ވިއްކާލި އެވެ. މިއީ އެ ކުންފުނިން ކުރި 98 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުން 4.8 ގުނަ ފައިދާއެއް ލިބޭ ގޮތަށް ކުރި މުއާމަލާތެކެވެ. އޭގެ ފަހުން ބެއިން ކެޕިޓަލް އާއި އެ ފަރާތުގެ ޕާޓްނަރުން 115-120 މިލިއަން ޑޮލަރު ކުންފުންޏަށް ހޭދަކުރި އެވެ. މީގެ ތެރޭގައި ދަރަންޏާއި އިކުއިޓީ ހިމެނެ އެވެ. މިއީ ރާއްޖެއަށް މަތީ ފަންތީގެ ފަތުރުވެރިކަން އިތުރުވާނެ ކަމަށް ބަލައިގެން ކުރި އިންވެސްޓްމަންޓެކެވެ.

ނަމަވެސް، ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ޓީއެމްއޭގެ ވިޔަފާރިއަށް ބޮޑު އަސަރެއް ކުރި އެވެ. ދަތުރުފަތުރަށް ހުރަސްތަކެއް ކުރިމަތިވުމާއެކު ޑިމާންޑް ވަރަށް ބޮޑަށް ދަށްވި އެވެ. ކުންފުނިން 305 މިލިއަން ޑޮލަރުގެ ލޯނެއް އަނބުރާ ދެއްކުމަށް ދަތިވުމާއެކު، ލޯނު ދޫކުރި ފަރާތްތަކުން ކުންފުނީގެ ކޮންޓްރޯލް ނަގައި، ދަރަނި އަލުން ރިސްޓްރަކްޗާ ކުރި އެވެ. މިގޮތުން އެމެރިކާގެ ކާލައިލް، ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓް، އަދި ޑޭވިޑްސަން ކެމްޕްނާ (ޑީކޭ) އިން އެކުލެވޭ އާ ލޯނު ދޫކުރި ފަރާތްތަކުގެ ކޮންސޯޓިއަމް މެޖޯރިޓީ ވެރިފަރާތްތަކަށް ވި އެވެ.

ހަމިންބާޑް އައިލެންޑް ހެލިކޮޕްޓާސްގެ ނަމުގައި 1993 ގައި ފެށި ޓީއެމްއޭ އަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. މި ކުންފުނީގެ ފްލީޓުގައި 65 ޑީއެޗްސީ-6 ޓްވިން އޮޓާ މަތިންދާބޯޓު ހިމެނެ އެވެ. މީގެ ތެރޭގައި 13 ރިސޯޓް ބްރޭންޑެޑް މަތިންދާބޯޓާއި 2 ވީއައިޕީ-ކޮންފިގާކޮށްފައިވާ މަތިންދާބޯޓު ހިމެނެ އެވެ. ޓީއެމްއޭ އިން ރާއްޖޭގެ 16 އަތޮޅެއްގައި ހުރި 80 އަށްވުރެ ރިސޯޓުތަކާ ގުޅުވައިދެ އެވެ. އަދި ދުވާލަކު 400 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކުރެ އެވެ.