އީރާނަށް ބޮން އަޅާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާ ގުޅިގެން، ބަދަލުގައި އެމެރިކާގެ މިލިޓަރީ ބޭސްތަކަށް ބޮން އަޅާނެކަމުގެ އިންޒާރު އިރާނުން ދީފިއެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އެ ގައުމަށް ބޮންއަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވީ އާދިއްތަ ދުވަހު އެވެ. އޭނާ އީރާނަށް އިންޒާރު ދެއްވާފައި މި ވަނީ، އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް އީރާނުން އިންކާރު ކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އީރާނުން ވަނީ އެ ގައުމުގެ ސަރަޙައްދަށް އެއްވެސް ފަރާތަކުން ހަމަލާއެއް ދޭން އުޅެފިނަމަ، އެކަމަށް ރައްދު ދޭނެކަމުގެ އިންޒާރު ދީފަ އެވެ. އަދި ޑޮނަލްޑް ޓްރަމްޕް ޓެހެރާނާ ދެކޮޅަށް އޭނާގެ ބަސްމަގު ހަރުކަށިކުރުމާ ގުޅިގެން، އެ މެރިކާއިން ބަދަލުގައި ބޮޑުއަގެއް ދައްކަން ޖެހޭނެ ކަމަށާއި ބިމުއަޑީގައި ހަދާފައިވާ މިސައިލް ސިޓީތައް ބޭނުންކުރުމަށް ތައްޔާރަށް ތިބި ކަމަށް އީރާނުން ބުނެފައިވެ އެވެ.
ހޮނިހިރު ދުވަހު، ދަ ޓެލެގްރާފްގެ ރިޕޯޓެއްގައި އީރާނުގެ އިސް އަސްކަރީ އޮފިޝަލަކާއި ހަވާލާދީ ބުނެފައިވަނީ، އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ، އިންޑިއާ ކަނޑުގައި އޮންނަ ބްރިޓިޝް- އެމެރިކަން ކަނޑުގެ އަސްކަރީ މަރުކަޒަކަށް އީރާނުން ހަމަލާ ދޭނެ ކަމަށެވެ.
މި ރިޕޯޓު ކޮށްފައިވަނީ އަތުވެދާނެ ނުރައްކަލަކަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާއިން ފޯޅަވެއްސަށް ދުރަށް ދަތުރުކުރެވޭ ބޮންއަޅާ މަތިންދާބޯޓުތަކެއް ފޮނުވިކަމުގެ ހަބަރުތައް ފެތުރިފައިވަނިކޮށެވެ.
ޑިއެގޯ ގާސިއާ (ފޯޅަވަހި) އަކީ އިރުމަތީ ކަނޑުގައި އޮންނަ ޗާގޯސް ޖަޒީރާތަކުގެ ތެރެއިން އެންމެ ބޮޑު ޖަޒީރާ އެވެ. މި ޖަޒީރާގައި އިނގިރޭސި ސަރުކާރުން ގާއިމްކޮށްފައިވާ ސިފައިންގެ މަރުކަޒެއް އިނގިރޭސި އަދި އެމެރިކާގެ ސިފައިން ގުޅިގެން ހިންގަމުންގެންދެ އެވެ.
އައްޑޫގެ ދެކުނުން 310 މޭލު ދުރުގައި އޮންނަ ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވަހިއަކީ އިނގިރޭސި ވިލާތުގެ ބާރުގެ ދަށުގައި އޮންނަ ރަށްތަކެކެވެ. ނަމަވެސް އެ ރަށްތައް އިނގިރޭސިން ވަނީ އެމެރިކާއަށް ކުއްޔަށް ދީފަ އެވެ.
2015 ވަނަ އަހަރު އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ގުޅޭ ގޮތުން އެ ގައުމުން ވަނީ އެމެރިކާއާއި ހުޅަނގުގެ ބާރުތަކާއެކު އެއްބަސްވުމެއް އެކުލަވައިލާފަ އެވެ. ނަމަވެސް އެމެރިކާއިން އެ އެއްބަސްވުމާ ޚިލާފުވެ، އަމަލުކުރުން 2018 ވަނަ އަހަރު ވަނީ ހުއްޓާލައިފަ އެވެ. އެއީ ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގަ އެވެ. އެއަށްފަހު، ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފަ އެވެ.