އިންޑިއާގެ ސިރަމް އިންސިޓިޓިއުޓްއިން ގަނެފައިވާ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓްގެ 100،000 ޑޯޒު މިއަދު ރާއްޖެ ގެނެސްފި އެވެ.

މިއީ ރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތު އާއި ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ ޕްރައިވެޓް ލިމިޓެޑް އަދި ސިރަމް އިންސްޓިޓިއުޓް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑްއާއި އެކު މިމަހުގެ 23 ވަނަ ދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖެ ގެނެވުނު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ބެޗް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން ކޮރޯނާ ވައިރަސް ވެކްސިން (ރިކޮމްބިނެންޓް) ކޮވިޝީލްޑް ވެކްސިންގެ 200،000 ޑޯޒު ރާއްޖެއިން ގަނެފައިވެ އެވެ.

މިދިޔަ ޖެނުއަރީ އަދި ފެބްރުއަރީ މަހުގައި އިންޑިއާގެ ސަރުކާރުން ވަނީ ރާއްޖެއަށް 200،000 ކޮވިޝީލްޑް ވެކްސިން ޑޯޒު ހަދިޔާކޮށްފަ އެވެ. އަދި ކޮވެކްސް ފެސިލިޓީން ވެސް ރާއްޖެއަށް 12،000 ކޮވިޝީލްޑް ވެކްސިން ޑޯޒު ލިބިފައިވެ އެވެ.