ހިނީގެ ކުޑަކުޑަ ދުނިޔޭގައި ފޮރުވިފައިވާ އަޖައިބުތަކަކީ އިންސާނީ ލޯތަކަށް ފަސޭހައިން ނުފެންނަ، އެހެން ނަމަވެސް އިލްމީ ދުނިޔޭގައި ހައިރާންކުރުވާފަދަ ސިއްރުތަކެކެވެ.

މި ކުދިކުދި ސޫފާސޫފީގެ ދިރިއުޅުމުގައި ހުރި ފުންނާބު އުސް ނިޒާމުތަކާއި، ހިތްގައިމު އާދަތަކަކީ އަޅުގަނޑުމެންގެ ވިސްނުން ހުޅުވާލައި، ދުނިޔޭގައިވާ އަޖައިބުތަކާމެދު ފިކުރު ހިންގުމަށް މަގުފަހިކޮށްދޭ ކަންތައްތަކެކެވެ. މި ހުރިހާ ކަމެއްގެ ވާހަކަ މީގެ އެތައް ސަތޭކަ އަހަރު ކުރުން ކީރިތި ޤުރުއާނުގައި ވަނީ ބަޔާންވެފަ އެވެ.

އެގޮތުން ޤުރުއާނުގެ ސޫރަތުއް ނަމްލުގައި ހިންޏާގެ ދިރިއުޅުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ކަންތައްތަކަކީ ސައިންސްވެރިން ފަހުގެ ދުވަސްތަކުގައި ދެނެގަތް ހައިރާންކުރުވަނިވި ހޯދުންތަކެކެވެ. މި ހޯދުންތަކުން ޤުރުއާނުގެ މަތިވެރިކަމާއި އެއީ އިލާހީ ވަހީއެއްކަން އިތުރަށް ސާބިތުވެގެންދެ އެވެ.

ޤުރުއާނުގެ ސޫރަތުއް ނަމްލުގެ 18 ވަނަ އާޔަތުގައި ވަނީ ސުލައިމާން ޢަލައިހިއްސަލާމްގެ ލަޝްކަރު ހިންޏާގެ ވާދީއަކުން ދަތުރުކުރަމުން ދިޔަ ހިނދު، އެއް ހިނި އެހެން ހިނިތަކަށް އިންޒާރުދޭ މަންޒަރު ބަޔާންކޮށްފަ އެވެ.

ކީރިތި ޤުރްއާނުގެ ނަމްލު ސޫރަތުގެ 17 ވަނަ އާޔަތާއި 18 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވައިފައިވެ އެވެ.

وَحُشِرَ لِسُلَيْمَانَ جُنُودُهُ مِنَ الْجِنِّ وَالْإِنسِ وَالطَّيْرِ فَهُمْ يُوزَعُونَ ﴿١٧﴾ حَتَّىٰ إِذَا أَتَوْا عَلَىٰ وَادِ النَّمْلِ قَالَتْ نَمْلَةٌ يَا أَيُّهَا النَّمْلُ ادْخُلُوا مَسَاكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَانُ وَجُنُودُهُ وَهُمْ لَا يَشْعُرُونَ ﴿١٨﴾

މާނައީ: (އަދި ޖިންނީންނާއި، އިންސީންނާއި، ދޫނިސޫފާސޫފީގެ ތެރެއިން ސުލައިމާންގެފާނަށް އެކަލޭގެފާނުގެ ލަޝްކަރު އެއްކުރެއްވުނެވެ. ފަހެ، އެ ލަޝްކަރު އެތުރިގެންވެއެވެ. (ދެން ލަބްކަރާއިގެން) ހިނީގެ ވާދީއަށް ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު ހިންޏެއް ބުންޏެވެ. އޭ ހިނިތަކާއެވެ! ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! (އެއީ) ނޭނގިތިބެ، ސުލައިމާންގެފާނާއި، އެކަލޭގެފާނުގެ ލަޝްކަރު ކަލޭމެން ފިސްފިސް ނުކުރުމަށްޓަކައެވެ.)

މި އާޔަތަކީ ކުރީގެ ޒަމާނުގައި ބައެއް މީހުން މަލާމާތްކޮށް ދޮގު ވާހަކައެއް ކަމަށް ބުނި އާޔަތެކެވެ. ނަމަވެސް، ފަހުގެ ސައިންޓިފިކް ދިރާސާތަކުން ދައްކާގޮތުގައި ހިނިތަކުގެ ދިރިއުޅުމުގައި އިންސާނުންނާ އެއްގޮތް ގިނަ ސިފަތަކެއް ހުރެ އެވެ. މި ހޯދުންތަކުން ޤުރުއާނުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ހަގީގަތް ހާމަވެގެންދެ އެވެ.

ހިނިތަކުގެ އަޖައިބު ދުނިޔެއިން ފެންނަ ބައެއް ކަންތައްތައް:

1. މަރުވާ ހިނިތައް ވަޅުލުން: ހިނިތައް އިންސާނުންނެކޭ އެއްފަދައިން މަރުވާ ހިނިތައް ވަޅުލާކަން ދިރާސާތަކުން ދައްކަ އެވެ. މިއީ އިޖްތިމާއީ ސިފައެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ.

2. މަސައްކަތުގެ ނިޒާމް: ހިނިތަކުގެ މުޖުތަމައުގައި މެނޭޖަރުން، ސުޕަވައިޒަރުން، ފޯމަނުން އަދި މަސައްކަތްތެރިންގެ ގޮތުގައި ވަކިވަކި ގިންތިތަކަކަށް ބެހިފައިވާކަން ފާހަގަކުރެވެ އެވެ. މިއީ ވަރަށް ފުރިހަމަ މަސައްކަތުގެ ނިޒާމެކެވެ.

3. މުދާ ގަނެވިއްކުމުގެ މާރުކޭޓް: ހިނިތަކުގެ މެދުގައި މުދާ ގަނެވިއްކުމުގެ މާރުކޭޓެއް އޮންނަކަން ދިރާސާތަކުން ދައްކަ އެވެ. މިއީ އިގްތިޞާދީ ހަރަކާތްތަކުގެ ފެށުމެއްގެ ގޮތުގައި ބެލެވިދާނެ ކަމެކެވެ.

4. ކާނާ ރައްކާކުރުން: ހޫނު މޫސުމުގައި ކާނާ ރައްކާކޮށް ފިނި މޫސުމަށް ހިނިތައް ތައްޔާރުވާކަން ފާހަގަކުރެވެ އެވެ. މިއިން ދުރާލާ ރޭވުމުގެ ގާބިލުކަން ހާމަވެ އެވެ.

5. މުވާސަލާތު: ހިނިތައް އެއްބަޔަކު އަނެއްބަޔަކާ މުވާސަލާތު ކުރުމަށް ކެމިކަލް ސިގްނަލްތައް ބޭނުންކުރާކަން ދެނެގަނެވިފައިވެ އެވެ. މިއީ ޤުރުއާނުގައި ބަޔާންކުރާ ހިނި އެހެން ހިނިތަކަށް އިންޒާރު ދިނުމާ ގުޅުވައިލެވިދާނެ ކަމެކެވެ.

6. ދިފާއީ ނިޒާމް: ހިނިތަކުގެ މުޖުތަމައުގައި ވަކި ބަޔަކު ދިފާއީ މަސައްކަތްތަކަށް ހާއްސަވެފައި ތިބޭކަން ފާހަގަކުރެވިފައިވެ އެވެ. މިއީ ޤުރުއާނުގައި ބަޔާންކުރާ ނުރައްކަލުން ސަލާމަތްވުމަށް އަޅާ ފިޔަވަޅުތަކާ ގުޅުވައިލެވިދާނެ ކަމެކެވެ.

މި ހުރިހާ ހޯދުންތަކަކީ ފަހުގެ ސައިންޓިފިކް ދިރާސާތަކުން ހާމަވެފައިވާ ކަންތައްތަކެވެ. މިއިން ކޮންމެ ކަމަކީވެސް ޤުރުއާނުގައި ބަޔާންކޮށްފައިވާ ހިނީގެ ދިރިއުޅުމުގެ ވާހަކަތަކާ ގުޅުވައިލެވޭ ކަންތައްތަކެކެވެ. މިކަންކަމުން އެނގިގެންދަނީ ޤުރުއާނުގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ ހަމައެކަނި ވާހަކައެއްގެ ގޮތުގައި ނޫން، އަދި ހަގީގަތުގައިއިވެސް ހިނގާ ކަންތައްތަކެއްކަމެވެ.

ޤުރުއާނުގައި މިފަދަ ތަފްސީލީ މައުލޫމާތު ހިމެނިފައިވުމަކީ އޭގެ އިލާހީ ހިކުމަތް ދައްކުވައިދޭ ކަމެކެވެ. އިންސާނުންނަށް ނޭނގޭ އެތައް ކަމެއް ޤުރުއާނުގައި ބަޔާންކޮށްފައިވާކަން މިއިން ސާބިތުވެ އެވެ.