ގިނަ މީހުން ގަބޫލުކުރާ ގޮތުގައި، ކުޑަކުދިން ސިނގިރޭޓް ބޯ މީހުންގެ އަތަށް ދޭން ނުވާނީ ހަމައެކަނި އެމީހުން ސިނގިރޭޓް ބޯ ވަގުތުގަ އެވެ. ނަމަވެސް، މިއީ ފުރިހަމައަށް ރަނގަޅު ވިސްނުމެއް ނޫނެވެ.

އެއީ ސިނގިރޭޓް ބުއިމަށްފަހު ވެސް، ގެއްލުން ހުރި ކެމިކަލްތަކުގެ އަސަރު ސިނގިރޭޓް ބޯ މީހުންގެ އިސްތަށިގަނޑާއި ހެދުމުގައި ހުންނަ ކަމަށް ދިރާސާތަކުން ދައްކާފައިވާތީ އެވެ. މިކަމުގެ ސަބަބުން ކުޑަކުދިން އުރާހަދާއިރު، މި ޒަހަރުވެރި މާއްދާތައް އެކުދިންގެ ނޭވާލެވުމުގެ ނިޒާމަށް ވަދެ، ނުރައްކާ ކުރިމަތި ކުރުވަ އެވެ.

"ތާޑްހޭންޑް ސްމޯކް" ގެ ނަމުގައި ކިޔާ މިކަމަކީ، ސެކަންޑްހޭންޑް ސްމޯކިން ނުވަތަ އެހެން މީހުން ބޯ ސިނގިރޭޓުގެ ދުން ނޭވާލުމުން ލިބޭ ގެއްލުމާ ތަފާތު ކަމެކެވެ. އެގޮތުން، ތާޑްހޭންޑް ސްމޯކިންގެ އަސަރުކުރާ ތަންތަނުގެ ތެރޭގައި ހެދުން، ތަޅުން، ފަރުނީޗަރު، ކުޅޭ ސާމާނު، އުޅަނދުފަހަރު އަދި ފާރުތައް ހިމެނެ އެވެ. މިފަދަ ތަންތަނުގައި ހުންނަ ނިކޮޓިންގެ އަސަރު އޭގައި އަތްލުމުން ނުވަތަ އެތަނުގައި ހުންނަ ވައި ނޭވާލުމުން ލިބިދާނެ އެވެ.

ތާޑްހޭންޑް ސްމޯކިންގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުގެ ތެރޭގައި އާސްތްމާ، ކަންފަތުގެ އިންފެކްޝަން، އަދި ނިއުމޯނިއާ ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވުން ހިމެނެ އެވެ. މީގެ އިތުރުން، މައިންބަފައިން ސިނގިރޭޓް ބޯ ގޭގައި ބޮޑުވާ ކުދިން ފަހުން ސިނގިރޭޓް ބުއިމަށް އަހުލުވެރިވުމުގެ ފުރުސަތު ބޮޑުވެ އެވެ.

ކުޑަކުދިންނަށް މި ނުރައްކާ ބޮޑަށް ކުރިމަތިވަނީ އެކުދިން ގިނައިން އެކި ތަންތަނުގައި އަތްލައި، އެއްޗެހި އަނގަޔާއި ނޭފަތާ ކައިރިކުރާތީ އެވެ. ހާއްސަކޮށް ކުޑަކުދިންނަށް މިކަމުގެ ސަބަބުން ގިނަގިނައިން ބަލިޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

ކުޑަކުދިންނާއި ޅަފަތުގެ ކުދިން ރައްކާތެރިކުރުމަށްޓަކައި، ސިނގިރޭޓް ބޯ މީހުން ކުދިންނާ ގާތްވުމުގެ ކުރިން ހެދުން ބަދަލުކޮށް، އަތްދޮވެ ސާފުވުމަކީ މުހިންމު ކަމެކެވެ.